ޚަބަރު

ޣައްޒާގެ ސުލްޙައިގެ އެއްބަސްވުމާ ޔަހޫދީން ޚިލާފުވި ޢަދަދު 1،000އަށް ވުރެ މަައްޗަށް


ފަލަސްޠީންގެ ޣައްޒާގައި ޙަމަލާތައް ހުއްޓައިލުމަށް މިދިޔަ އޮކްޓޯބަރު މަހު އަލުން ޢަމަލުކުރަން ފެށިފަހުން، އެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް މިހާތަނަށް 1،000އަށް ވުރެ ގިނަ ޢަމަލު ޔަހޫދީން ހިންގާފައިވާކަމަށް، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބުނެފިއެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ޙަމަލާތައް ނިމުމަކަށް އައިސްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޙަމާސްގެ އިސް އޮފިޝަލަކު ރޮއިޓަރސް ނޫހަށް މަޢުލޫމާތު ދިން ގޮތުގައި، އައު އެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން، މިހާތަނަށް ޔަހޫދީން ވަނީ އެ އެއްބަސްވުމާ 1،100 ފަހަރު ޚިލާފުވެފައެވެ.

އޭގެތެރޭގައި ހުއްޓުމެެއްނެތި ފަލަސްޠީންގެ މައުސޫމް ރައްޔިތުން ޝަހީދުކުރުމާއި، ޙަމަލާތައް ދިނުމާއި އާންމުން ހައްޔަރުކުރުމާއި މުދަލަށް ގެއްލުންދިނުން ފަދަ އެތައް ކަމެއް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެގެން އެކުލަވައިލި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ލާޒިމުކޮށްފައިވާ ގިނަކަންކަމަށް ޔަހޫދީން އިޙްތިރާމްކޮށްފައެއް ނުވެއެވެ.

މިގޮތުން، ހުއްޓައިނުލައި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދަނީ ޙަމަލާތައް ދެމުންނެވެ. އިއްޔެ އެކަނިވެސް ޣައްޒާއިން 11 މީހުން ޝަހީދުކޮށްލާފައިވާއިރު، އައު އެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 400އަށް ވުރެ މަތިވެފައެވެ.

2024ވަނަ އަހަރުގެ މެއި ރަފަޙް ހުރަހުގެ ކޮންޓްރޯލް ޔަހޫދީން ނަގައި، އެ މަގު އަދިވެސް އޮތީ ބަންދުކޮށްފައެވެ. އެ ހުރަސް ހުޅުވައިލުމަކީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޝަރުތެކެވެ. ނަމަވެސް އެއްބަސްވުމާ ޚިލާފުވެ، ޔަހޫދީން މިއަދާ ހަމައަށް ވެސް އެ މަގު ހުޅުވާލައިފައެއްް ނުވެއެވެ.

އޭގެ ސަބަބުން ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފައެވެ.