ޚަބަރު

ވާދަވެރިން ފާރަލަމުންދިޔަ ސެމެންޔޯގެ ސޮއި، ސިޓީން ހޯދައިފި


ވާދަވެރި ކުލަބުތަކުން އެ ކުޅުންތެރިއެއްގެ ސޮއިހޯދުމަށް މަސައްކަތްކުރަމުންދިޔަ ގާނާގެ އެންޓުއަން ސެމެންޔޯގެ ސޮއި، މެންޗަސްޓަރ ސިޓީން ހޯދައިފިއެވެ.

ސިޓީން ސެމެންޔޯގެ ސޮއި ހޯދާފައި މިވަނީ، އޭނާ ގެނައުމަށް މެންޗަސްޓަރ ޔުނައިޓެޑާއި ޗެލްސީ އަދި ޓޮޓްނަމް ހޮޓްސްޕަރ އަދި ލިވަޕޫލުން ވެސް މަސައްކަތްކުރަމުން ދަނިކޮށެވެ.

އުމުރުން 26 އަހަރުގެ ވިންގަރ ސެމެންޔޯގެ ސޮއި ސިޓީން ހޯދާފައިވަނީ، އޭނާ ކުޅެމުން އައި ބޯންމަތަށް ރިލީޒް ކޯޒް ފައިސާ ދައްކާ ގޮތަށެވެ. މިއީ ޖުމްލަ 65 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގައެވެ.

ރިޕޯޓުތައް ބުނާގޮތުން ސިޓީން ކުރިއަށް އޮތް 24 މަހަށް ބަހާލައިގެން 62.5 މިލިއަން ޕައުންޑު، ބޯންމަތަށް ދައްކާނެއެވެ. އެއީ ބޯނަސް ނުހިމަނައެވެ.

ސިޓީއާއެކު ސެމެންޔޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2031 ވަނަ އަހަރުގެ ނިޔަލަށެވެ. ސިޓީގައި އޭނާ ބޭނުންކުރާނީ މީގެކުރިން ޔާޔާ ޓޫރޭ ބޭނުުންކުރި 42 ނަމްބަރުގެ ޖާޒީއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސެމެންޔޯ ބުނީ، ސިޓީއާ ގުޅުމުގެ ފުރުސަތު ލިބުން އެއީ ނުހަނު ފަޚުރުވެރިވާ ކަމެއް ކަމަށާއި، ދުނިޔެ ދުށް އެންމެ މޮޅު އެއް ކޯޗުގެ އިރުޝާދުގެ ދަށުން، ވޯލްޑް ކްލާސް ކުޅުންތެރިންނާއެކު އެންމެ މަތީ ފަންތީގެ ވަސީލަތްތައް ބޭނުންކޮށްގެން ތަމްރީނުތައް ކުރިއަށް ގެންގޮސް މެޗުތަކުގައި ކުޅެން ލިބުން އެއީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ކުޅުމުގައި ރަނގަޅުކުރަންޖެހޭ ވަރަށް ބައިވަރު ކަންކަން އަދިވެސް އެބަހުރިކަން ގަބޫލުކުރާ ކަމަށާއި، ކެރިއަރުގެ މިހާ ހިސާބުގައި ސިޓީގައި ހުރެގެން އެ ކަންކަން ރަނގަޅުކުރަން ފުރުސަތު ލިބުން އެއީ ލިބުނު ވަރަށް ބޮޑު ނިއުމަތެއްކަމަށް ވެސް ސެމެންޔޯ ބުނެފައިވެއެވެ. އަދި ކުރިއަށް އޮތީ އޭނާގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު، އެންމެ މޮޅު ދުވަސްތައް ކަމާމެދު ޝައްކު ނުކުރާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ސެމެންޔޯ އޭނާގެ ސީނިއަރ ފުޓުބޯޅަ ކެރިއަރު ފެށީ 2018 ވަނަ އަހަރު ބްރިސްޓޮލް ސިޓީ އިންނެވެ. 2023 ވަނަ އަހަރާ ހަމައަށް އޭނާ އެ ކުލަބުގެ ކޮންޓްރެކްޓުގައި ހުރި ނަމަވެސް، ލޯނު އެއްބަސްވުމުގެ ދަށުން އިތުރު ކުލަބުތަކަކަށް އޭނާ ކުޅެފައިވެއެވެ. އޭގެތެރޭގައި ސަންޑާލެންޑް ވެސް ހިމެނެއެވެ.

ބްރިސްޓަލް ސިޓީގެ ކޮންޓްރެކްޓުގައި ފަސް އަހަރު ހުރުމަށްފަހު ސެމެންޔޯ ބޯންމަތަށް ބަދަލުވީ 2023 ވަނަ އަހަރުއެވެ. ބޯންމަތުގައި ހޭދަކުރި މުއްދަތުގައި ސެމެންޔޯ ވަނީ އެ ޓީމަށް ކުޅެދިން 110 މެޗުން 32 ލަނޑު ކާމިޔާބުކޮށްދީފައެވެ.