އަންނަ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މުޅި އައު 15 މިސްކިތުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެވުޒާރާއިން ވިދާޅުވީ މީގެތެރެއިން 6 މިސްކިތެއްގެ މަސައްކަތް ނިމިފައިވާކަމަށެވެ.
ރަމަޟާންމަހާއި ދިމާކޮށް ކޮންމެ އަހަރަކުވެސް އައު މިސްކިތް ހުޅުވުމުގެ މަސައްކަތާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސަރުކާރުން ކުރެއެވެ. މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމަށްވެސް މިމަސައްކަތްތައް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެވުޒާރާއިން ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މުޅިން އައު 15 މިސްކިތެއްގެ މަސައްކަތް ކުރަމުންދާކަމަށެވެ. މީގެތެރެއިން 6 މިސްކިތުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. އަދި އިތުރު 9 މިސްކިތުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މިގޮތުން ޅ.އޮޅުވެލިފުށި، ހދ.ދިއްދޫ، ށ.ފޯކައިދޫ، ނ.މަނަދޫގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަދި އައްޑޫ ސިޓީ މަރަދޫގައި މުޅިން އައު މިސްކިތްތައް ހުޅުވާފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
މިހާރު މަސައްކަތް ކުރިއަށްދާ 9 މިސްކިތުގެ މަސައްކަތްވެސް ރަމަޟާން މަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމާށް އެވުޒާރާއިން ވިދާޅުވެއެވެ.
ރައްޔިތުންގެ ހޭލުންތެރިކަން ދީނީގޮތުން އިތުރުކޮށް، މިސްކިތްތަކުގައި ދީނީ ޢިލްމު ފެތުރުމަށް މަގުފަހިކުރާ ތަންތަނަށް ހެދުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި ނަމާދަށް ލޯބިޖެއްސުން ފަދަ މުހިއްމު ޝިޢާރުތަކަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.