ތިލަދުންމަތީ އުތުރުބުރީ ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 21 ހެކްޓަރ ބިން ހިއްކައިފިއެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ޙަވާލު ކޮށްގެންނެވެ.
ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން އެރަށަށް 115 ހެކްޓަރުގެ ބިން އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 5 ވަނަ ދުވަހު ފަށާފައިވާއިރު، މިހާތަނަށް 21 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. މިއާއިއެކު މުޅި މަސައްކަތުގެ 18.75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
ދިއްދޫ ބިން ހިއްކުމަށް ބޭނުން ކުރާ ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއް ކަމަށް އެމްއޭސީއެލްއިން ވިދާޅުވެ. ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ، 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ. މިއީ، ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރުން ގެނައި 3 ވަނަ ޑްރެޖަރެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ދިއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ދިއްދޫގެ ތަރައްޤީއަށް ވަޢުދުތަކެއް ވެވަޑައިގެންފައިވާ ކަމަށާއި، ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ބަޔާންކުރެއްވި ކޮންމެ ކަމަކީ ރައްޔިތުންނަށް ކޮށްދެވޭނެ ކަމުގެ ޔަޤީންކަން އޮތުމުން ވެވަޑައިގެންފައިވާ ވަޢުދުތަކެއް ކަމަށް ވިދާޅުވިއެވެ. އަދި އެންމެ ޚާއްޞަ ކަމަކަށް ކުރާ އެއާޕޯޓުގެ މަސައްކަތަކީ، ދިއްދޫގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުއެއް ކަމަށާއި، އެއީ ދިއްދޫއާއި މުޅި އަތޮޅުގެ މެދު އަދި ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭނަށް މުހިންމު މަޝްރޫޢުއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް އެ މަސައްކަތް ފަށައި، ބާރު ދުވެލީގައި ދަނީ ކުރިއަށް ގެންދަމުންނެވެ.
ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއާޢެކު، ދިއްދޫގެ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލު ލިބި، އެއާޕޯޓު ތަރައްޤީ ކުރުމާއި ބޯހިޔާވަހިކަމަށް ބިން ދިނުމުގެ މައްސަލައަށް ޙައްލު ލިބިގެން ދާނެއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު މިހާރު އޮތް ދިއްދޫ ދެގުނަ ބޮޑު ވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.