ރާއްޖޭގެ ތިން ރެފްރީން ސާފް ފުޓްސަލް ރެފްރީ ކޯސް ފުރިހަމަކުރަމުން އެބަދެއެވެ. އަދި އިތުރުން ތިން ދިވެހިން އަންނަނީ ސާފް ފުޓްސަލް ރެފްރީ ކޯސް ލެވެލް އެކެއް ފުރިހަމަކުރަމުންނެވެ.
ތައިލޭންޑްގައި މިވަގުތު ކުރިޔަށްދާ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ފުޓްސަލް ކޯޗިން ކޯހުގައި ތަމްރީނުވަމުން އަންނަނީ އިސްމާއިލް އަނިލް، އަހުމަދު ސިނާން މުހައްމަދާއި ފަދުވާ ޒާހިރެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހޯދައިދިން ފުރުސަތެއްގައި މި ތިން މީހުންގެ އިތުރުން ރެފްރީކޯސް ފުރިހަމަ ކުރްމުން އަންނަނީ ހުސެއިން ސިނާން، އަލީ ފާއިޒު އަދި ނަސްރުالله ޢަބްދުލްބާރީއެވެ.
މިއީ ފުޓްސަލް މުބާރާތްތަކުގައި ރެފްރީކަން ކުރަމުން އަންނަ ރެފްރީންނެވެ.
ކޯޗިން ކޯސް ފުރިހަމަ ކުރަމުން އަންނަ ފަދުވާއަކީ ރާއްޖޭގެ ފުޓްސަލް މުބާރާތްތަކުގައި ކުލަބު އިމިގްރޭޝަން ޓީމަށް ކުޅޭ މޮޅު ކުޅުންތެރިއެކެވެ. އަދި ކުރީގެ ޤައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކެޕްޓަނެވެ. ރިޓަޔަރކޮށްގެން ހުރުމަށްފަހު މިފަހުން ބޭއްވި އެފްއޭއެމް ވިމެންސް ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށްވެސް އޭނާ ކުޅެފައިވެއެވެ.
އެފްއޭއެމުން ބުނީ މިއީ ސާފްގެ މެންބަރު އެސޯސިއޭޝަންތަކަށް ހުޅުވާލި ފުރުސަތެއްގައި ރާއްޖެއަށް ލިބުނު ޖާގަތަކެއް ކަމަށެވެ.
ފުޓްސަލް ކޯޗުންނާއި ރެފްރީން އުފެއްދުމާއި ދިވެހި ރެފްރީންގެ ފެންވަރު މަތިކޮށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އެފްއޭއެމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގައި ފުޓުބޯޅަ އާއި ފުޓްސަލް ރެފްރީން އުފައްދަން މިއަހަރުވެސް ގިނަ ޕްރޮގްރާމުތަކެއް ކުޅިވަރު ވުޒާރާއާއި ގުޅިގެން ކުރިޔަށް ގެންދާނެއެވެ.