ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިދިޔަ މަހު 12،424 އުޅަނދު ބަލައި ފާސްކޮށް 1554 އުޅަނދަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވަނީ، ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިދިޔަ މަހު ކުރި މަސައްކަތްތަކުގެ ތަފާސްހިސާބުތައް ޙިއްސާކޮށްފައެވެ.
ފުލުހުން ވިދާޅުވީ، މިދިޔަ މަހު 27،186 އުޅަނދެއް ބަލައި ހުއްޓުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ދެ ފުރޮޅުލީ 12،752 އުޅަނދާއި ހަތަރު ފުރޮޅުލީ 14،404 އުޅަނދެއެވެ. ފުލުހުން ވިދާޅުވީ، މިދިޔަ މަހު ދެ ފުރޮޅުލީ 5،765 އުޅަނދު އަދި ހަތަރު ފުރޮޅުލީ 6،659 އުޅަނދު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ޖުމްލަ 12،424 އުޅަނދު ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިދިޔަ މަހު 10،870 އުޅަނދަށް ނަސޭހަތްތެރިވެފައިވާއިރު މީގެ ތެރޭގައި ހިމެނެނީ، ދެ ފުރޮޅުލީ 5،037 އުޅަނދާއި، ހަތަރު ފުރޮޅުލީ 5،833 އުޅަނދު ކަމަށް ފުލުހުން ވިދާޅުވިއެވެ. ނުރައްކާތެރިކޮށް ދުއްވައިގެން 1،554 އުޅަނދަކަށް ފުލުހުން ވަނީ ފިޔަވަޅު އަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ، ދެ ފުރޮޅުލީ 728 އުޅަނދަކާއި، ހަތަރު ފުރޮޅުލީ 826 އުޅަނދު ކަމަށް ވިދާޅުވިއެވެ. އަދި ނުރައްކާތެރިކޮށް ދުއްވައިގެން ދެ ފުރޮޅުލީ 27 އުޅަނދެއް ހުއްޓުވާފައިވެއެވެ.
ފުލުހުން ވިދާޅުވީ، އެއްގޮތަކަށްވެސް ލައިސަންސް ނެތި ދުއްވައިގެން 260 އުޅަނދު ހުއްޓުވާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ، ދެ ފުރޮޅުލީ 241 އުޅަނދާއި، ހަތަރު ފުރޮޅުލީ 27 އުޅަނދުއެވެ. ޓްރެފިކް ވައިލޭޝަންއާ ގުޅިގެން ދެ ފުރޮޅުލީ 323 އުޅަނދާއި، ހަތަރު ފުރޮޅުލީ 360 އުޅަނދު ޓޯރކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ޓްރެފިކް ވައިލޭޝަންއާ ގުޅިގެން ޖުމްލަ 683 އުޅަނދު ވަނީ ޓޯރކޮށްފައެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ، ޕާކިންގ ވައިލޭޝަންއާ ގުޅިގެން ޖުމްލަ 1367 އުޅަނދު ޓޯރކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި ދެ ފުރޮޅުލީ 661 އުޅަނދާއި، ހަތަރު ފުރޮޅުލީ 706 އުޅަނދު ހިމެނެއެވެ.
މާލެ ސަރަޙައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވަމުންދާތީ ޓްރެފިކް ޤާނޫނުތަކާއި، ޤަވާއިދުތައް ތަންފީޒުކުރުން ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކަމާއި ގުޅުންހުރި އިދާރާތަކަށް ގޮވާލައްވާފައެވެ. މިއާއެކު 24 ގަޑިއިރު މަގުތައް ޕެޓްރޯލްކުރާ ގޮތަށް ފުލުހުންގެ ޚާއްޞަ އޮޕަރޭޝަންތަކެއްވެސް ވަނީ ފަށާފައެވެ.