ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ މުޙައްމަދު ނަޢީމް ޙުސެއިން އަވަހާރަވެއްޖެއެވެ.
ނަޢީމް އަވަހާރަވުމާއި ގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަޢީމް އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި ރާއްޖޭގެ އެވިއޭޝަން ސިނާޢަތަށް ނަޢީމް ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތަކުގެ ހަނދާން ދިވެހި ތާރީޚުގެ ސަފްޙާތަކުގައި ތާއަބަދު ފެންނަން ހުންނާނެ ކަމަށް ވިދާޅުވިއެވެ.
މުޙައްމަދު ނަޢީމް އަވަހާރަވުމާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ސޯޝަލް މީޑިއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަޢީމްގެ ވަކިވެ ދިޔުމަކީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް ކަމަށެވެ. އަދި ނަޢީމްގެ ހަނދާން އަބަދުވެސް އެސިނާޢަތުން ކުރާނީ ޝުކުރުވެރިކަމާ އެކުގައި ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
We are deeply saddened to learn of the passing of Mr. Mohamed Naeem Hussain, the first Air Traffic Controller of the Maldives. His passing is a great loss to the aviation community, and he will be remembered with respect and gratitude for his contributions.
— Maldives Airports Company Ltd (@MACLmedia) January 13, 2026
May Allah (SWT) grant… pic.twitter.com/wpgBIQWoes
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީންކޮށް، ޚިދުމަތަށް ނުކުންނެވި ބޭފުޅުންގެ ތެރޭގައި ނަޢީމް ހިމެނި ވަޑައިގަންނަވައެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރގެ މަޤާމު ފުރުއްވީ، މުޙައްމަދު ނަޢީމް ޙުސެއިންއެވެ. ދިވެހި ސަރުކާރަށް މުޙިންމު ޚިދުމަތްތަކެއް ކުރައްވާފައިވާއިރު ރާއްޖޭގެ އެވިއޭޝަން ސިނާޢަތް ކުރިއެރުވުމުގައިވެސް ނަޢީމް ވަނީ މުޙިންމު މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.
ނަޢީމް އަވަހާރަވީ ޢުމުރުފުޅުން 74 އަހަރުގައެވެ.