ޔުނައިޓެޑް އެރަބް އެމިރޭޓްސް، ޔޫއޭއީގެ ބާނީ ޒައިދު ބިން ސުލްތާން އަލް ނަޙްޔާންގެ ހަނދާނުގައި ދެމުން އަންނަ ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ފ.އަތޮޅު ތަޢުލީމީ މަރުކަޒުން ހާސިލްކޮށްފިއެވެ.
ފ. އަތޮޅު ތަޢުލީމީ މަރުކަޒުން މި އެވޯޑް ހާސިލްކޮށްފައިވަނީ ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒްގެ ގްލޯބަލް ހައި ސްކޫލްސް، ސައުތު އޭޝިއާ ކެޓަގަރީންނެވެ.
މި އެވޯޑަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 18 ސްކޫލަކާ ވާދަކޮށް ފާފު އަތޮޅު ތަޢުލީމީ މަރުކަޒުން ހުށަހެޅީ އިއާދަކުރަނިވި ހަކަތައާއި، ފެން ރައްކާކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަން އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ މޮޑެލްއެކެވެ. މި މޮޑެލްގެ ދަށުން އަވިންނާއި ވައިން ހަކަތަ އުފެއްދުމާއި، ވާރޭފެން ނަގައި ރައްކާކުރުމުގެ އިތުރުން، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކާށި، ބަނބުކެޔޮ އަދި ބައެއް ބާވަތްތަކުގެ ބޭސްވެރިކަމަށް ބޭނުންކުރާ ގަސްގަހާގެހި ވަނީ އިންދާފައެވެ.
Congrats to Faafu Atoll Education Center for winning the Zayed Sustainability Prize Global High Schools – South Asia!
— Zayed Sustainability Prize (@ZSP_ORG) January 13, 2026
Their clean energy and water project will power the school and local hospital while cutting 120 tonnes of CO₂ annually. pic.twitter.com/0uJ6gJmgO4
ފާފު އަތޮޅު މަރުކަޒުގެ ޕްރިންސިޕަލް ޢަބްދުﷲ އަޙްމަދު ވިދާޅުވީ، އެ ސްކޫލުން މި މޮޑެލް ތައްޔާރުކުރީ މީގެ ކުރިން މި އެވޯޑް ހާސިލްކުރި އައްޑޫ ހައި ސްކޫލުން ކުރިއަށްގެންދިޔަ މަޝްރޫޢަށް ބަލައިގެން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެނގުނު އައްޑޫ ހައި ސްކޫލުން މިފަދަ މަޝްރޫޢަކުން މި އެވޯޑް ހޯދިކަން. އެ ސްކޫލަކީ މިހާރު މުޅިން ސޯލާ ހަކަތައިން ހިންގާ ތަނެއް. އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އިންސްޕިރޭޝަނެއް" ޕްރިންސިޕަލް ވިދާޅުވިއެވެ.
މިހާރު ފާފު އަތޮޅު ތަޢުލީމީ މަރުކަޒުން ކަރަންޓަށް މަހަކު 100،000 އަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ. ނަމަވެސް، މި މޮޑެލްގެ ދަށުން ސޯލާ ޕެނަލްތައް ހަރުކުރުމުން އެ ޚަރަދު ސަލާމަތްވުމުގެ އިތުރުން، އިތުރަށް އުފެދޭ ހަކަތަ ފެނަކަ ގްރިޑަށް ވިއްކައިގެން ސްކޫލަށް އާމްދަނީ ހޯދޭނެއެވެ. މި އާމްދަނީ ބޭނުންކޮށްގެން މުޅި ސްކޫލް އޭސީ ކުރުމަކީވެސް ސްކޫލްގެ އަމާޒެކެވެ.
މި މޮޑެލްގެ ސަބަބުން އަހަރަކު 120 ޓަނުގެ ކާބަންޑައިއޮކްސައިޑް ބޭރުވުން މަދުކުރެވޭނެއެވެ. އަދި ސްކޫލުގެ އިތުރުން ރަށުގެ ހޮސްޕިޓަލަށްވެސް ސާފު ހަކަތައާއި ފެން ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ހައިޑްރޯޕޯނިކްސް ދަނޑުވެރިކަން ފުޅާކުރުމާއި، ބޯފެން ސާފުކުރާ ނިޒާމެއް ގާއިމްކުރުންވެސް މި މޮޑެލްގެ ތެރޭގައި ހިމެނެއެވެ.
މި ކާމިޔާބީއާއެކު ފާފު އަތޮޅު ތަޢުލީމީ މަރުކަޒުން އުންމީދުކުރަނީ މި ނަމޫނާ މޮޑެލް ރާއްޖޭގެ އެހެން ރަށްރަށާއި ސްކޫލްތަކާ ހިއްސާކޮށް، މުޅި މުޖުތަމައަށް އޭގެ ފައިދާ ފޯރުކޮށްދިނުމަށެވެ. މިއީ ކުޑަ ރަށެއްގެ ކުޑަ މުޖުތަމައަކުން ގުޅިގެން މަސައްކަތް ކޮށްފިނަމަ ބޮޑު ބަދަލެއް ގެނެވިދާނެކަމުގެ ދިރިހުރި މިސާލެކެވެ.
ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އަކީ ދެމެހެއްޓެނިވި ހަކަތަ، ފެން، ކާނާ، ސިއްހަތު އަދި ތައުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ މަޝްރޫޢުތަކަށް ދެވޭ އެވޯޑެކެވެ. މި ކެޓަގަރީން ހޮވޭ މަޝްރޫޢުތަކަށް އިނާމުގެ ގޮތުގައި 150،000 އެމެރިކާ ޑޮލަރު ނުވަތަ 2.3 މިލިޔަން ދިވެހި ރުފިޔާ ލިބެއެވެ. ރާއްޖޭގެ ބައެއް ސްކޫލްތަކުން މީގެ ކުރިންވެސް ވަނީ މި އެވޯޑް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި އައްޑޫ ހައިސްކޫލާއި، ހިރާ ސްކޫލް ހިމެނެއެވެ.