ޚަބަރު

ރަސްމާލެ: ސައިޓް އޭގެ %50 މަސައްކަތް ނިމިއްޖެ


  • ސައިޓް އޭގެ 137.5 ހެކްޓަރުގެ ބިން ހިއްކާނެ

  • މިހާތަނަށް 71 ހެކްޓަރުގެ ބިން ވަނީ ހިއްކައި ނިމިފައި

ރަސްމާލޭގެ ސައިޓް އޭގެ މަސައްކަތުގެ ދެބައިކުޅަ އެއްބައި މަސައްކަތް މުޅިން ނިމިއްޖެއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ސައިޓް އޭގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްގެން ފެށީ، ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުއެވެ. މަސައްކަތް އަވަސް ކުރުމަށްޓަކައި މި މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ދުނިޔޭގައި ބިން ހިއްކުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ޑްރެޖަރު ބޭނުން ކޮށްގެންނެވެ. މިއީ، 46،000 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭ އުޅަނދެކެވެ. ރަސްމާލޭގައި ދުވާލަކު ދޮޅު ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކައެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވީ ރަސްމާލެ ސައިޓް އޭގެ 137.5 ހެކްޓަރު ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެތެރެއިން މިހާތަނަށް 71 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. އެއީ، ސައިޓު އޭގެ %51.64 މަސައްކަތެވެ.

ރަސްމާލެ މަޝްރޫޢުއަކީ، މިވަގުތު މުޅިރާއްޖޭގައިވެސް ކުރިއަށްގެންދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢެވެ. ޖުމްލަ 1،009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، 4 ކުންފުންޏަކުން ދަނީ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢުގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، 12 ސަރަޙައްދަކަށް ބަހާލައިގެންނެވެ.

މިހާތަނަށް މުޅި މަޝްރޫޢުގެ 280 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ވަނީ ހިއްކައި ނިމިފައެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތަކީ، ރާއްޖޭގައި މިހާތަނަށް ކުރިއަށްދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢެވެ. މިއީ، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުން ފުޅުގެ ދަށުން ފައްޓަވާފައިވާ މަސައްކަތެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަޤީންވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ސަރުކާރުން މިހާރު ވަނީ، ރަސްމާލެއިން ގޯއްޗާއި ފްލެޓް ދޫކުރުމަށް އިޢުލާނުކޮށްފައެވެ.