ލުބްނާންގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތްތަކުގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންނަން ކުރަމުންދާ މަސައްކަތް ފުޅާކުރާނަމަ، އިތުރު ހަމަނުޖެހުންތައް ހިނގައި، ދާޚިލީ ހަނގުރާމައެއް ފެށުމުގެ ނުރައްކާބޮޑުކަމަށް، އެ ޤައުމުގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުﷲ އިން ބުނެފިއެވެ.
ލުބްނާންގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތްތަކުގެ ހަތިޔާރު އަތުލުމަށް ޔަހޫދީންނާއި އެމެރިކާއިން ލުބްނާންގެ ސަރުކާރަށް މަޖުބޫރު ކުރުވަން ފަށާފައި ވަނީ 2024ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. އެއީ، ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވުމެއް އެކުލަވައިލުމާ އެކުގައެވެ.
ޙިޒްބުﷲއިން ޤަބޫލުކުރާ ގޮތުގައި، އެ އެއްބަސްވުމުގެ ދަށުން ހަތިޔާރު ބަހައްޓަންޖެހޭނީ ޔަހޫދީންގެ ދަޢުލަތާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިން، ލުބްނާންގެ އެންމެ ދެކުނުގެ ސަރަޙައްދުތަކުގައެވެ.
ޙިޒްބުﷲގެ އިސް އޮފިޝަލެއް ކަމަށްވާ މަޙްމޫދު ޤިމާތީ ރަޝިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ، ހަތިޔާރު އަތުލުމަށް ލުބްނާންގެ ސަރުކާރުން ކުރާ މަސައްކަތް ފުޅާކުރުން، ބޮޑު ޖިނާޢީ ކުށެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މިގޮތުން، އެކަމުގެ ސަބަބުން ލުބްނާންގައި ކުރިމަތިލުންތަކާއި ހަމަނުޖެހުންތައް އިތުރު، ދާޚިލީ ހަނގުރާމައަކަށް ބަދަލުވުމުގެ ނުރައްކާ ބޮޑުކަމުގެ އިންޒާރު އޭނާ ވަނީ ދީފައެވެ.
ލުބްނާންގެ ދެކުނުގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތުގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނެވި، އެ ސަރަޙައްދުތައް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާކަމަށް ލުބްނާންގެ ސަރުކާރުން ވަނީ ބުނެފައެވެ.
އަސްކަރިއްޔާއިން ރާވާފައިވަނީ، ލުބްނާންގެ ދެކުނުގައި ގެންގުޅޭ ހަތިޔާރުތައް ބެލުމުގެ ދަށަށް ގެނައުމަށްފަހު، އެ މަސައްކަތް އެހެން ސަރަޙައްދުތަކަށް ފުޅާކުރުމަށެވެ.