ޚަބަރު

ސިވިލް އޭވިއޭޝަނުގެ ޑީ1 ރޭޓިން މަންޓާ އެއާއަށް


  • އެހެނިހެން އެއަރލައިންތަކަށް ސެޓިފައިޑް އެން.ޑީ.ޓީ ޚިދުމަތްތައް ފޯރުކޮށްދެވޭނެ

  • މަތިންދާބޯޓުގެ އޮނިގަނޑު ބެލުމުގައި ތިންވަނަ ފަރާތެއްގެ ހުއްދައަށް ބަރޯސާވާކަށް ނުޖެހޭނެ

މަންޓާ އެއާގެ މެއިންޓަނެންސް އޯގަނައިޒޭޝަނަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން "ޑީ ވަން" ރޭޓިން ދެއްވައިފިއެވެ.

މި ރޭޓިން ދެއްވާފައިވަނީ މަންޓާ އެއާއިން އެ އެއާލައިންގެ އޮޕަރޭޝަނަލް އަދި ޓެކްނިކަލް ދާއިރާތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތައް ފާހަގަކޮށްފައެވެ.

މަންޓާ އެއާއިން ބުނީ މަންޓާ އެއާގެ ޓެކްނިކަލް އަދި އޮޕަރޭޝަނަލް ދާއިރާއިން ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ހޯދައިފައިވާކަމަށެވެ. އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެއާލައިންގެ މެއިންޓެނަންސް އޯގަނައިޒޭޝަނަށް ޑީ1 ރޭޓިންގެ ހުއްދަ ދީފައިވާކަމަށްވެސް މަންޓާއިން ބުނެއެވެ.

މި ސެޓިފިކޭޝަނާއެކު، މަތިންދާބޯޓުގެ އޮނިގަނޑަށާއި އެކި ބައިތަކަށް އެއްވެސް ގެއްލުމެއް ނުދީ ޓެސްޓުކުރުމުގެ ޚާއްޞަ ޚިދުމަތް ކަމަށްވާ "ނޮން-ޑިސްޓްރަކްޓިވް ޓެސްޓިންގ" ފޯރުކޮށްދިނުމުގެ ގާބިލުކަން މަންޓާ އެއާއަށް ވަނީ ލިބިފައިކަމަށާއި މިއީ ރާއްޖޭގައި މިފަދަ މަތީ ފެންވަރުގެ ޚިދުމަތެއް ދިނުމުގެ ހުއްދަ ލިބިފައިވާ މަދު އެއާލައިންތަކުގެ ތެރެއިން ލިބުނު ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ.

އެންޑީޓީއަކީ ބޯޓުގެ ބައިތަކަށް އެއްވެސް އުނިކަމެއް ނުލިބޭނޭހެން، އޭގައި ހުންނަ ނުފެންނަ ރެނދުތަކާއި، ދަބަރުޖެހުމާއި، އަދި އެތެރޭގެ އޮނިގަނޑަށް ލިބިފައިވާ އުނިކަންތައްތައް ދެނެގަތުމަށް ބޭނުންކުރާ، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުހަނު މުހިންމު ދާއިރާއެކެވެ. 'ޑީ1 ރޭޓިންގ' އާއެކު، މަންޓާ އެއާގެ އެންޑީޓީ ވޯކްޝޮޕަކީ ޚާއްޞަ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒެއްގެ ގޮތުގައި ރަސްމީކޮށް ވަނީ ކަނޑައެޅިފައިކަމަށް މަންޓާއިން ބުނެއެވެ. މީގެ ސަބަބުން އެ ކުންފުނީގެ އަމިއްލަ ފްލީޓްގެ މަސައްކަތްތައް އިތުރު ފުރިހަމަކުރުމުގެ އިތުރުން، ރާއްޖޭގައި ހަރަކާތްތެރިވާ އެހެނިހެން އެއާލައިންތަކާއި އޭވިއޭޝަން އިދާރާތަކަށް އެންޑީޓީ އިންސްޕެކްޝަންގެ ޚިދުމަތް ދިނުމުގެ ފުރުސަތުވެސް މަންޓާ އެއާއަށް ފަހިވެގެންގޮސްފައިވާކަމަށް ބުންޏެވެ.

މަންޓާ އެއާއަށް ލިބިފައިވާ ހުއްދައިގެ ދަށުން، އެންޑީޓީގެ ކުރިއަރާފައިވާ ތިން ދާއިރާއަކުން ޚިދުމަތް ދިނުމުގެ ގާބިލުކަން އެ ކުންފުންޏަށް މިވަނީ ލިބިފައެވެ. އެއީ ލިކުއިޑް ޕެނެޓްރަންޓް އިންސްޕެކްޝަން ، އެޑީ ކަރަންޓް ޓެސްޓިންގ އަދި އަލްޓްރާސޯނިކް ޓެސްޓިންގއެވެ. މި ޓެކްނޮލޮޖީތަކުގެ އެހީގައި، މަތިންދާބޯޓުގެ މެޓަލިކް އަދި ކޮމްޕޮސިޓް އޮނިގަނޑުތަކުގެ ބޭރު ފަށަލައާއި، ބޭރު ފަށަލައިގެ ދަށުގެ އިތުރުން، އެތެރޭގެ އެންމެ ފުން ހިސާބުތަކުގައި ހުންނަ ކުދިކުދި އުނިކަންތައްތައް ނުވަތަ މައްސަލަތައް ވަރަށް ފުރިހަމައަށް ދެނެގަނެވޭނެއެވެ.

މަންޓާ އެއާގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން ވިދާޅުވީ މި ކާމިޔާބީއަކީ އެ އެއާލައިންގެ ކުރިއެރުމާއި ގާބިލުކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްކަމަށެވެ. އަދި ރާއްޖޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޑޮމެސްޓިކް އަދި ސީޕްލޭން އޮޕަރޭޓަރުގެ ހައިސިއްޔަތުން، ދާލު އެއާޕޯޓުގައި ހުންނަ އެމް.އާރް.އޯ ފެސިލިޓީގައި ދުނިޔޭގެ ފެންވަރުގެ އިންޖިނިއަރިން ވަސީލަތްތަކާއި ފަންނީ ހުނަރުވެރިކަން އިތުރުކުރުމަށް އަބަދުވެސް ދަނީ މަސައްކަތް ކުރަމުންކަމަށެވެ. މައުމޫން ވިދާޅުވީ އަމާޒަކީ ހިދުމަތުގެ މިންގަނޑުތައް އިތުރަށް ހަރުދަނާކޮށް، ފަންނީ ހިދުމަތްތައް ފުޅާކޮށް، މަންޓާ އެއާގެ ފުރިހަމަ ތަަސައްވުރާއި ގައުމީ ފަހުރު ރަމްޒުކޮށްދޭ ފަދަ އިންޖިނިއަރިން ނިޒާމެއް ބިނާކުރުންކަމަށެވެ.

"އެގޮތުން އަލަށް ލިބުނު 'ޑީ1' އެޕްރޫވަލްގެ ސަބަބުން، އަމިއްލަ އޮޕަރޭޝަންތަކުގެ ފެންވަރު މަތިވުމުގެ އިތުރުން، ރިސޯޓްތަކާއި، ސިނާއީ ހިއްސާދާރުންނާއި، އަދި ރާއްޖޭގެ އެހެނިހެން އެއާލައިން އޮޕަރޭޓަރުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ" މައުމޫން ވިދާޅުވިއެވެ.

މަންޓާ އެއަރގެ ހެޑް އޮފް އިންޖިނިއަރިންގ، ޕަބްލޯ އަލްވޭސް ވިދާޅުވީ، "ޑީ1 ލިބުމަކީ އިންޖިނިއަރިންގ ޑިވިޜަނުން ކުރިއަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއްކަަމަށެވެ. އެގޮތުން ޚާއްޞަ އެންޑީޓީ ޚިދުމަތްތައް ސީދާ ކުންފުނީގެ ތެރެއިން ދޭން ފެށުމުން ފަސޭހަކަމާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ލިބި، ބޭރުގެ ފަރާތްތަކަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، މުހިންމު އިންސްޕެކްޝަންތައް ނިންމުމަށް ހޭދަވާ ވަގުތު އަވަސްވެގެންދާނެކަމަށެވެ.

"މިއީ ބޯޓުފަހަރުގެ އޮނިގަނޑު މަރާމާތުކުރުމާއި ބޭރުގައި ކުލަލުމާއި ، އީ.އެމް.އެމް.އޭ ޗެކްތައް، ސީ.ޕީ.ސީ.ޕީ ތަންފީޒުކުރުން، އަދި ފުޅާކުރެވިފައިވާ ބެޓެރީ ވޯކްޝޮޕްތަކަށް ދާދިފަހުން ގެނެވުނު ކުރިއެރުންތަކަށް އިތުރުވި ފުރިހަމަކަމެއް. މި ހުރިހާ ވަޞީލަތްތަކަކާއެކު، ބޯޓުފަހަރުގެ ރައްކާތެރިކަމާއި އިތުބާރު ދެމެހެއްޓުމަށާއި، ދިގު މުއްދަތަކަށް އޮޕަރޭޝަނަލް ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ" ޕަބްލޯ އަލްވޭސް ވިދާޅުވިއެވެ.

މަންޓާ އެއަރއިން ބުނީ ޑީ-1 ރޭޓިން ހާސިލުކުރުމަކީ މަންޓާ އެއަރގެ އިތުރުން، ވައިގެ ދަތުރުފަތުރުގެ ސިނާއަތަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. މީގެ ސަބަބުން އެހެނިހެން އެއަރލައިންތަކަށް ސެޓިފައިޑް އެން.ޑީ.ޓީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބުމާއި ބޯޓުގެ އޮނިގަނޑު ބެލުމުގައި ތިންވަނަ ފަރާތެއްގެ ހުއްދައަށް ބަރޯސާވާން ނުޖެހުމާއި ބޭރުގެ އެމް.އާރް.އޯ ޚިދުމަތްދޭ ފަރާތްތަކަށް ކުރަންޖެހޭ ހޭދަ ކުޑަވެގެންދިއުމުގެ އިތުރުން ބޯޓު މަރާމާތަށް ބާއްވަންޖެހޭ ވަގުތު ކުޑަވެ، ވަގުތުން ޚިދުމަތްތައް ތަރުތީބުކޮށްލުމުގެ ގާބިލުކަން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މަންޓާ އެއާގެ އެންޑީޓީއަށް ޚާއްޞަ ވޯކްޝޮޕަކީ ދާލު ކުޑަހުވަދޫގައި ހުންނަ އެ އެއަރލައިންގެ އެމްއާރުއޯ ފެސިލިޓީގައި ގާއިމުކޮށްފައިވާ ތަނެކެވެ. މި ތަނަކީ ފިނިހޫނުމިން ކޮންޓްރޯލް ކުރެވޭ، ރަނގަޅަށް ވައި ދައުރުވާނެހެން ފަރުމާކުރެވިފައިވާ، އަދި އެންމެ އެކަށީގެންވާ އަލިކަމާއި ޕްރޯބް ސިސްޓަމްތައް ބޭނުންކޮށްގެން މަސައްކަތުގެ ސައްޚަކަމާއި އިތުބާރު ހިފޭނެހެން ތައްޔާރުކޮށްފައިވާ ތަނެކެވެ.