ސޫރިޔާގެ ކުރުދީންނަށް ސޫރިޔާގެ ރައްޔިތުންކަން އަލުން ދިނުމާއެކު، އެ މީހުން ބަސް ރަސްމީކޮށް ބަލައިގަންނަން، ސޫރިޔާގެ ވެރިކަމާ ޙަވާލުވެ ހުރި އަޙްމަދު އަލްޝަރާޢު، ރިޔާސީ ޤަރާރަކުން ނިންމައިފިއެވެ.
ޝަރާޢު މި ޤަރާރު ނެރެފައިވަނީ، ސޫރިޔާގެ އުތުރާއި އިރުމަތީގައި އޮންނަ ކުރުދީންނާއި ސޫރިޔާގެ ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި އެތައް ބަޔަކު މަރުވެފައިވަނިކޮށެވެ. ސޫރިޔާގެ އުތުރުގައި އޮންނަ ޚަލަބްގައި ހިނގި ކުރިމަތިލުންތަކުގައި 23 މީހުން މަރުވެ، 150،000އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކުރަން މަޖުބޫރުވެފައެވެ.
ހަމަނުޖެހުންތަކާ ގުޅިގެން ދެ ފަރާތުން ކުރި މަޝްވަރާތަކަށްފަހު، ކުރުދީންގެ ހަނގުރާމަވެރިން މިހާރު ވަނީ އުތުރު ސަރަޙައްދުތަކުން ފައިބައިފައެވެ.
ޝަރާޢު ނެރުނު ޤަރާރުގެ ދަށުން، ސޫރިޔާގެ ކުރުދީންނަކީ މުޖުތަމަޢުގެ ޚިއްޞާއެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެ، އެ މީހުންގެ ބަސް ސްކޫލްތަކުގައި ކިޔަވައިދެވޭނެއެވެ.
މީގެއިތުރުން، 1962ވަނަ އަހަރު ސޫރިޔާގެ ރައްޔިތުކަން އަތުލާފައިވާ، ސޫރިޔާގެ ކުރުދީންނަށް ސޫރިޔާގެ ރައްޔިތުކަން ރަސްމީކޮށް އަލުން ދެވޭނެއެވެ.
2024ވަަނަ އަހަރުގެ ފަހުކޮޅު ސޫރިޔާގެ އޭރުގެ ރައީސްގެ މަޤާމުގައި ހުންނެވި ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމުން ސޫރިޔާގެ ވެރިކަމާ ޙަވާލުވި ޝަރާޢުގެ ވިސްނުން ހުރީ ޤައުމުގައި ބައިބައިވުން ނައްތާލުމަށެވެ.
އެ ގޮތުން ކުރުދީން ހިންގާ އަސްކަރީ އަދި މަދަނީ ގުނަވަންތައް ދައުލަތުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ޝަރާޢު ބޭނުންވެއެވެ. އެ ކަމާ ގުޅޭ މަޝްވަރާތައް ގިނަ ދުވަސްތަކަކަށް ދެމިގެން ދިޔަ ނަމަވެސް އެ ދާއިރާއިން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.