މި ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި އެ ސަރުކާރަކުން ފެށި މަޝްރޫޢެއް ނިންމާ ޢާއްމުންނަށް ބޯހިޔާވަހިކަމަށް ދީފައި ނެތްކަމަށާއި، އެކަން މި ސަރުކާރުން ބަދަލު ކުރާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ފުރަތަމަ ސްކީމަށް ހުޅުވާލާ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ސްކީމުގެ ދަށުން މިހާރު ތަރައްޤީކުރަން ނިންމާފައިވާ ހުރިހާ ބޯހިޔާވަހި ކަމަކީ، އެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތް ހަމަޖެހިފައިވާ މަސައްކަތްތަކެއް ކަމަށެވެ. ވަޒީރު ވިދާޅުވީ، މިއީ އާއިލީ ބޯހިޔާވަހިކަމަށް ޚާއްޞަ ސްކީމެއް ނަމަވެސް، ވަކިވަކި ފަރުދުންނަށްވެސް ފޯމު ހުށައެޅޭނެ ކަމަށެވެ.
މި ސްކީމުގެ ދަށުން 15،000 ގޯތި އަދި 7،900 ފްލެޓަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. ވަޒީރު ވަނީ މި މަޝްރޫޢުތައް ނިންމާ، މި ދައުރުގެ ތެރޭގައި ޙަވާލުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ވަޒީރު ވިދާޅުވީ މިހާރު އިޢުލާނުކޮށްފައިވާ ގޯއްޗާއި ފްލެޓުތަކުގެ މަޝްރޫޢުއަކީ، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ މަޝްރޫޢުތަކެއް ކަމަށެވެ.
މީގެތެރޭގައި ބީއެމްއެލްއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢާއި، އިންޑިއާ ސަރުކާރުގެ އެހީގައި ފައިނޭންސް ލިބިފަވާ 4،000 ޔުނިޓާއި އަދި ސަޢުދީ ފަންޑާއި އެހެނިހެން ބޭރުގެ އެހީތަކުގައި ހަމަޖެހިފަވާ މަޝްރޫޢުތައް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި ދަޢުރުގައި ރަޖިސްޓްރީ ހަދާ، އިން ވަކިކޮށް ގޯތި ޙަވާލު ކުރާނަން. 7،900 ފްލެޓަކީވެސް ފައިނޭންސް ޔަޤީންވެފައިވާ މަސައްކަތެއް. 2008ގެ ފަހުން، އެއްވެސް ސަރުކާރެއްގައި އެ ސަރުކާރަކުން ފެށި ޕްރޮޖެކްތަކެއް ނިންމާ ފްލެޓަށް މީހުން ވެއްދިފައެއް ނެތް. މި ސަރުކާރުން އެކަން ބަދަލު ކުރާނަން. ޢަމާޒަކީ އެ ތަންތާގައި ދިރިއުޅެވޭވަރު ކުރުން." ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުގެ ވަޢުދަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ އެއްވެސް ރައްޔިތަކު ނުހުންނާނެކަން ކަށަވަރު ކުރުމެވެ. އެކަމަށް މަގުފަހިކުރުމަށް ސަރުކާރުން ބޮޑެތި މަޝްރޫޢުތައް ފަށާފަވަނީ އާބާދީ އެންމެ ބޮޑު މާލެ ސަރަޙައްދުގައެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުގެ އެންމެ ފުރަތަމަ ސިޔާސަތަކީ އެންމެ ބޭނުންޖެހިފަވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.
"ފުރަތަމަ ސްކީމު މި ޚާއްސަވަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް. ބޯހިޔާވަހިކަމުގެ ޑިމާންޑް އުފެދެނީ އާއިލާތަކުން. ދަރިންނަށް މައިންބަފައިންނަށް ފޯރުކޮށްދޭ ރައްކާތެރިކަމުގެ ތެރެއިން." ވަޒީރު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް މާލެ ސަރަޙައްދުގައި އެކުއެކީގައި، ބިން ހިއްކުމާ ގުޅޭ ބިޔަ މަޝްރޫޢުތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އޭގެތެރޭގައި ހުޅުމާލެއިން ހިއްކާ 63 ހެކްޓަރުގެ ބިމާއި، ރަސްމާލެއިން ހިއްކާ 1،009 ހެކްޓަރު އަދި ގުޅީފަޅާއި ގިރާވަރުފަޅުގެ މަޝްރޫޢުވެސް ހިމެނެއެވެ. މާލެ ސަރަޙައްދުގައި އަންނަނީ 1،600 ހެކްޓަރަށް ވުރެ ބޮޑު ސަރަޙައްދެއް ހިއްކަމުންނެވެ.