ފަލަސްޠީނުގެ ޣައްޒާގައި އިންތިޤާލީ ގޮތުން ވެރިކަން ހިންގާނެ ސުލްޙައިގެ ބޯޑު އެކުލަވައިލަން އެމެރިކާއިން ހުށަހަޅާފައިވާގޮތް ސިޔާސަތާ ޚިލާފުކަމަށް ބުނެ، ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ބޯޑުގައި ތިއްބަވާނެ ބޭފުޅުންގެ ނަންތައް އެމެރިކާއިން ހުށަހެޅީ، ޔަހޫދީންގެ ދައުލަތާ މަޝްވަރާނުކޮށް ކަމަށެވެ.
ނަމަވެސް، އެ ބޯޑުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން ޔަހޫދީން ހިތްހަމަނުޖެހެނީ ނޫނީ ސިޔާސަތާ ޚިލާފުވަނީ ކޮން ބޭފުޅުންނެއް ކަމެއް ނުބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސަތު ބަލަހައްޓަވާނެ އެ ބޯޑަށް އެމެރިކާއިން ހުށަހަޅާފައިވަނީ، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރ، ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޯފް އަދި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރ އެވެ.
މީގެއިތުރުން، ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހާކާން ފިދާން އާއި މެދުއިރުމަތީގައި ސުލްޙަ ޤާއިމުކުރުމަށް އދއިން ކަނޑައަޅާފައިވާ ޚާއްޞަ މަންދޫބު، ސީޣްރީދް ކާޖް ވެސް އެ ބޯޑުގައި ހިމަނަން އެމެރިކާއިން ވަނީ ހުށަހަޅައިފައެވެ.
ޣާއްޒާގެ ހިންގުމުގައި ތުރުކީވިލާތުގެ އެއްވެސް ދަޢުރެއް އޮންނަން ބޭނުންނުވާކަމަށް ޔަހޫދީން މީގެކުރިން ވަނީ ބުނެފައެވެ. އެހެންކަމުން، ޔަހޫދީންގެ އިޢުތިރާޒް އޮތީ، ފިދާން އެ ބޯޑުގައި ހިމެނުމާ މެދު ކަމަށް ބެލުމުގެ ފުރުޞަތު ބޮޑެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފެށި އެއްބަސްވުމުގެ ދަށުން، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު، ނަމެއްގައި ވަނީ މެދުކަނޑައިލާފައެވެ. އެ އެއްބަސްވުމުގެ ދަށުން، ޣައްޒާގައި ވެރިކަން ކުރާނެ އިންތިޤާލީ ކޮމިޓީއެއް އެކުލަވައިލެވޭނެއެވެ. އަދި، ޓްރަމްޕް އިސްވެ އުފައްދަވާ ސުލްޙައިގެ ބޯޑަކީ، އެ ކޮމިޓީގެ މައްޗަށް ބަސްބުނާނެ ބޯޑެކެވެ.