ޑެންމާކުގެ ބައެއްގެ ގޮތުގައި އޮތް ގްރީންލޭންޑް، ގަންނަން އެމެރިކާއިން ކުރާ މަސައްކަތަށް ހުރަސްއެޅުން ހުއްޓުވަން، ވިލާތުގެ އިއްތިޙާދުގެ އަށް ޤައުމަކަށް ޑިއުޓީ ބޮޑުކުރާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ޓްރަމްޕް ސޯޝަލް މީޑިޔާގައި ވިދާޅުވީ ޑެންމާކު، ނޯވޭ، ސްވިޑަން، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ނެދަރލޭންޑްސް، ފިންލޭންޑް އަދި އިނގިރޭސިވިލާތުން އެމެރިކާއަށް އެތެރެކުރާ މުދަލުން މިހާރު ބޮޑުކޮށްފައިވާ ޑިއުޓީގެ މައްޗަށް، އިތުރު 10 އިންސައްތަ އިތުރުކުރާނެ ކަމަށެވެ. މިގޮތުން، އެމެރިކާއިން ގްރީންލޭންޑް ގަތުމާ ދެކޮޅު ހަދާނަމަ، އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހާ ހަމައަށް، އެ ޤައުމުތަކުން ނަގާ ޑިއުޓީ 25 ޕަސެންޓާ ހަމައަށް އިތުރުވަމުންދާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގެންނެވި ޓްރަމްޕް ދަނީ ޑެންމާކުގެ ބައެއްގެ ގޮތުގައި އޮންނަ ގްރީންލޭންޑް އިސްތިއުމާރު ކުރައްވަން ބޭނުންވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ އުންމީދު ހާޞިލް ކުރުމާ ގުޅޭގޮތުން މި އަހަރުގެ ޖަނަވަރީ މަހުގެ 9ވަނަ ދުވަހު ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިސްތިރާޖީ ގޮތުން މުހިންމު ސަރަޙައްދެއްގައި އޮންނަ ގްރީންލޭންޑުން ބޭނުން ވިޔަސް ނުވިޔަސް އެމެރިކާއިން ގްރީންލޭންޑު އިސްތިއުމާރުކުރުމަށް ކޮންމެވެސް ސިފައެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. ގްރީންލޭންޑް ޗައިނާ ނުވަތަ ރަޝިޔާގެ ބާރުގެ ދަށަށް ދިޔުމަށް އޭނާ އެދިވަޑައިނުގަންނަވާ ކަމަށް ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ގްރީންލޭންޑް އިސްތިއުމާރު ނުކުރާނަމަ ނަމަ އެމެރިކާގެ އަވަށްޓެރިންގެ ގޮތުގައި އޮންނާނީ ޗައިނާ ނުވަތަ ރަޝިޔާ ކަމަށެވެ.
ގްރީންލޭންޑް އިސްތިޢުމާރުކުރަން އެމެރިކާއިން ކުރަމުންދާ މަސައްކަތް ގްރީންލޭންޑްގެ އިތުރުން ޑެންމާކުން ވެސް ތަކުރާރުކޮށް ކުށްވެރިކޮށްފައެވެ.
ގްރީންލޭންޑުގެ އާބާދީއަކީ 56,000އެއްހާ މީހުން ކަމަށްވާއިރު އެމެރިކާގެ ވިސްނުން ހުރީ ކޮންމެ ރައްޔިތަކަށް 10،000އާއި 100،000 ޑޮލަރާ ދެމެދުގެ ޢަދަދަކަށް ފައިސާ ދިނުމަށެވެ. ބޮލަކަށް 100،000 ޑޮލަރުގެ ރޭޓުން ބަލާ ނަމަ ގްރީންލޭންޑު ’ގަތުމަށް’ އެމެރިކާއަށް ޚަރަދުކުރަން ޖެހޭނީ 5.6 ބިލިޔަން އެމެރިކާ ޑޮލަރެވެ.
ގްރީންލޭންޑު އިސްތިޢުމާރުކޮށްފިނަމަ، އެމެރިކާ އިސްވެ އޮތް ހުޅަނގުގެ ދިފާޢީ އިއްތިޙާދު ރޫޅޭނަކަމަށް އެ އިއްތިޙާދުގެ ގިނަ މެމްބަރު ޤައުމުތަކުން ދަނީ ބުނަމުންނެވެ.