ޣައްޒާގެ ހިންގުމާ ޙަވާލުވާ ސުލްޙައިގެ ބޯޑުގެ ޗާޓަރުގެ ދެލިކޮޕީ 60 ޤައުމަކަށް ފޮނުވައިފިއެވެ. އެ ދެލިކޮޕީގައިވާ ގޮތުން ޞުލްޙައިގެ ބޯޑުގެ މެންބަރުންގެ ގޮތުގައި ޤައުމުތަކުން ދިގު މުއްދަތަކަށް ދެމި އޮންނަން ބޭނުންވާ ނަމަ އެއް ބިލިޔަން އެމެރިކާ ޑޮލަރު ދެއްކުމަށް އެމެރިކާއިން ވަނީ ހުށަހަޅައިފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފެށި އެއްބަސްވުމުގެ ދަށުން، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު، ނަމެއްގައި ވަނީ މެދުކަނޑައިލާފައެވެ. އެ އެއްބަސްވުމުގެ ދަށުން، ޣައްޒާގައި ވެރިކަން ކުރާނެ އިންތިޤާލީ ކޮމިޓީއެއް އެކުލަވައިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ޓްރަމްޕް އިސްވެ އުފައްދަވާ ސުލްޙައިގެ ބޯޑަކީ، އެ ކޮމިޓީގެ މައްޗަށް ބަސްބުނާނެ ބޯޑެކެވެ.
އެމެރިކާއިން ޤައުމުތަކަށް ފޮނުވި ދެލިކޮޕީގައި ވާގޮތުން ޞުލްޙައިގެ ބޯޑުގެ މެންބަރުންގެ ގޮނޑި ލިބެނީ ގިނަވެގެން ތިން އަހަރުގެ މުއްދަތަށެވެ. ނަމަވެސް އެއަށްވުރެ ގިނަ ދުވަހު ބޯޑުގެ މެންބަރުންގެ ގޮތުގައި ދެމިތިބެން ބޭނުންވާ ނަމަ ބޯޑުގެ ޗާޓަރަށް ޢަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އެ ޤައުމަކުން ނަގުދު ފައިސާއިން އެއް ބިލިޔަން އެމެރިކާ ޑޮލަރު ދައްކަންވާނެ ކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ.
އެމެރިކާއިން މިހާރު ވަނީ ބޯޑުގެ ކޮމިޓީއަށް މެންބަރުން ޢައްޔަނު ކުރުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސަތު ބަލަހައްޓަވާނެ އެ ބޯޑަށް އެމެރިކާއިން ހުށަހަޅާފައިވަނީ، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރ، ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޯފް އަދި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރ އެވެ. މީގެ އިތުރުން، ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހާކާން ފިދާން އާއި މެދުއިރުމަތީގައި ސުލްޙަ ޤާއިމުކުރުމަށް އދއިން ކަނޑައަޅާފައިވާ ޚާއްޞަ މަންދޫބު، ސީޣްރީދް ކާޖް ވެސް އެ ބޯޑުގައި ހިމަނަން އެމެރިކާއިން ވަނީ ހުށަހަޅައިފައެވެ. ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންއަށާއި މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް ސީސީއަށް ވެސް ކޮމިޓީގެ މެންބަރަކަށް ވުމަށް އެމެރިކާއިން ދައުވަތު އަރުވާފައިވެއެވެ.