ޚަބަރު

ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހަކު ނެތީ ހަމައެކަނި ވ.އަތޮޅުގައި!


  • ތެލެސީމިއާ ދަފުތަރުގައި 650 މީހުން ރަޖިސްޓްރީކޮށްފައިވޭ

  • މި ދަފުތަރުގައި އެންމެ ގިނައީ 11 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިން

  • ތެލެސީމިއާ މީހުން އެންމެ ގިނައީ ނ. އަތޮޅުގައި

އާބާދީގެ ނިސްބަތަށް ބަލާއިރު ވ. އަތޮޅަކީ މިހާރު ތެލެސީމިއާ ބަލި ތަހައްމަލުކުރާ އެއްވެސް މީހަކު ނެތް އަތޮޅެއް ކަމަށް މޯލްޑިވްސް ބްލަޑް ސަރވިސަސް، އެމްބީއެސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ބްލަޑް ސަރވިސަސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ތެލެސީމިއާ ދަފުތަރުގައި މުޅި ރާއްޖެއިން ޖުމްލަ 650 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އަދި މި ދަފުތަރުގައި އެންމެ ގިނައީ 11 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނެވެ. މި އުމުރުފުރާގެ 215 ކުދިން ތިބިއިރު، ދެވަނައަށް އެންމެ ގިނައީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ.

ފާއިތުވި ތިން އަހަރަށް ބަލާއިރު، 2023 ވަނަ އަހަރު 11 މީހުން، 2024 ވަނަ އަހަރު 18 މީހުން އަދި 2025 ވަނަ އަހަރުގެ މިހާތަނަށް 11 މީހުންނާއެކު ޖުމްލަ 40 ކުދިން އަލަށް ދަފްތަރުގައި ހިމެނިފައިވެއެވެ.

އަތޮޅުތަކަށް ބަލާއިރު، އާބާދީގެ ނިސްބަތުން ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުން އެންމެ ގިނައިން ތިބީ ނ. އަތޮޅުގައެވެ. އެ އަތޮޅުގެ 13 ރަށަކުން 53 މީހުން ދަފްތަރުގައި ހިމެނޭއިރު، މިއީ ކޮންމެ ރަށަކަށް އެވްރެޖްކޮށް 4 މީހުންނެވެ. އަދި 18 މީހުންނާއެކު ތެލެސީމިއާ މީހުން ދެވަނައަށް އެންމެ ގިނައީ، ފ. އަތޮޅުގައެެވެ. 43 މީހުންނާއެކު މި ލިސްޓުގެ ތިންވަނައިގައި އޮތީ، ލ. އަތޮޅެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ވ. އަތޮޅުގައި ތެލެސީމިއާގެ އެއްވެސް މީހަކު ނެތްއިރު، ދެވަނައަށް އެންމެ މަދީ މ. އަތޮޅެވެ. އެއީ، އެންމެ 3 މީހުންނެވެ.

ތެލަސީމިއާއަކީ މުޅި ޢުމުރު ދުވަހަށް ތަހައްމަލު ކުރަންޖެހޭ ބައްޔެކެވެ. މި ބަލި ތަޙައްމަލު ކުރާ މީހުންގެ ޢަދަދު، އާބާދީގެ ނިސްބަތުން ބަލާއިރު ރާއްޖޭގައި ގިނައެވެ. އެހެންކަމުން ރާއްޖެއިން ތެލަސީމިއާ ބައްޔަށް ޙައްލު ގެނައުމަށް ޤައުމީ ފެންވަރުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.

ތެލަސީމިއާއަށް އާންމުން ހޭލުންތެރި ކުރުވުމާއި، މިބަލި އިތުރުވަމުންދާ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ފެށްޓެވި އެންމެ މުހިންމު އެއް މަސައްކަތަކީ ސްކޫލު ކުދިން ތެލެސީމިއާއަށް ސްކްރީންކުރަން ފެށުމެވެ. އަދި ތެލެސީމިއާ ބައްޔަށް ފަރުވާ ކުރުމަށް ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހަދައިދޭ ކުދިންގެ ޢަދަދުވެސް ވަނީ އިތުރުކޮށްފައެވެ.

މީގެ އިތުރުން، ތެލެސީމިއާ ކުދިންނަށް ޚިދުމަތް ދިނުމުގައި ދިމާވާ ތަކުލީފުތަކަށް ޙައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޚިދުމަތްތައް ހުޅުމާލެ އޮރެންޖު ހިޔާއަށް ބަދަލު ކުރިއެވެ. އަދި ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ.