އީރާންގެ ސަރުކާރާ ދެކޮޅަށް އާންމުން ނުކުމެ ކުރަމުންދާ މުޒާހަރާތަކުގައި މަރުވި މީހުންގެ ޢަދަދު ގާތްގަނޑަކަށް 5،000އަށް އަރާނެކަމަށް މިހާތަނަށް ޔަޤީންކުރެވިފައިވާކަމަށް އީރާންގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ނަން ހާމަނުކުރަން އެދި، އެ އޮފިޝަލް ރޮއިޓަރސް ނޫހަށް ވިދާޅުވި ގޮތުގައި، މުޒާހަރާތަކުގައި މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 500 އެއްހާ މީހުން ވެސް ހިމެނޭ ކަމަށެވެ.
ތަކެތީ އަގު އިންތިހާއަށް ބޮޑުވުމާ ދެކޮޅަށް ފެށި މުޒާހަރާތަކުގެ ތެރެއަށް ހަތިޔާރާއެކު ބަޔަކު ވަދެ، ހަމަނުޖެހުން އުފައްދާކަމުގެ ތުހުމަތުވެސް އޭނާ ކުރެއްވިއެވެ.
މުޒާހަރާތަކުގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ، ކުރުދީންގެ ބޮޑު އާބާދީއެއް ދިރިއުޅޭ އީރާންގެ ހުޅަނގުދެކުނު ސަރަޙައްދުތަކުގައި ކަމަށާއި، އެ ސަރަޙައްދުތަކުގައި ގަސްދުގައި، ރާވައިގެން ބަޔަކު ހަމަނުޖެހުން އުފައްދާފައިވާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެއިތުރުން، ހަމަނުޖެހުން އުފެއްދި މީހުންނަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ޔަހޫދީން ނިރުބަވެރި ދަޢުލަތާއި ބޭރުގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ވެސް ޙަރަކާތްތެރިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެ މުޒާހަރާތަކުގައި 24،000އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް ބައިނަލްއަޤުވާމީ މަދަނީ ޖަމާޢަތަކުން ވަނީ ބުނެފައެވެ.
އީރާންގައި ކުރަމުންދާ މުޒާހަރާތަކަކީ އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް ހަމަނުޖެހުމަށް މަގުފަހިކުރެއްވުމުގެ ސަބަބުން ކުރަމުންދާ މުޒާހަރާތަކެއް ކަމަށާއި، މުޒާހަރާގެ ފަހަތުގައިވާ މުޖުރިމަކީ ޓްރަމްޕް ކަމަށް އީރާންގެ ރޫޙީ ވެރިޔާ، އާޔަތުالله ޚާމަނާއީ ވަނީ ތުހުމަތު ކުރައްވައިފައެވެ.
މުޒާހަރާތަކާ ގުޅިގެން އީރާނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރަމްޕް ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް ޓްރަމްޕް ފަހުން ވަނީ މުޒާހަރާގެ ބައިވެެރިންނާ މެދު އީރާނުގެ ސަރުކާރުން އިހާނެތިކޮށް ކަންތައް ނުކުރާނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. އީރާނުން ބުނީ ޓްރަމްޕް ވިދާޅުވި ގޮތަށް މުޒާހަރާގެ ބައިވެރިންނާ މެދު ޢަމަލުކުރުމަށް އެ ޤައުމުން އެއްވެސް އިރެއްގައި ރާވާފައި ނެތް ކަމަށެވެ.