ނިލަންދެ އަތޮޅު ދެކުނުބުރީ ރިނބުދޫގެ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ދ. ރިނބުދޫގެ ޞިއްޙީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް އެރަށުގައި މިއަދުވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލްގެ މެންބަރުންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިންގެ އިތުރުން އެރަށު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
ރިނބުދޫގެ ޞިއްޙީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 25ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިނބުދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެރަށުގެ ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
ވަޒީރު ވިދާޅުވީ، މިއަދު މި ފެންނަނީ ރައީސްގެ އެ ވައުދުފުޅު ފުއްދަވާ މަންޒަރު ކަމަށާއި، ބިންގާ އެޅިގެންދިޔަ އައު އިމާރާތާއެކު މި ރަށުގެ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ އަދި ވަސީލަތްތަކުގެ ދަތިކަމަށް ހައްލު ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއަދު މި އިހްތިފާލުވެގެން މިދަނީ މިރަށަށް އެހާމެ މުހިންމު މަޝްރޫޢެއް. ޞިއްޙީ މަރުކަޒަަށް އިތުރުކުރެވޭ އައު އިމާރާތުގެ ބިންގާ މިއަދު މި އެޅިގެންދިޔައީ. މިއީ ރިނބުދޫ ފަދަ އާބާދީ ބޮޑު ރަށްރަށަށް އެހާމެ މުހިންމު މަޝްރޫޢެއް. އެހެންވެ ގިނަ މަރުކަޒުތަކުން އައު އިމާރާތަކަށް ޑިމާންޑްކުރަނީ." ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.
ރިނބުދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތަކީ ސަރުކާރުން ފެނަކަ ކޯޕަރޭޝަަނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި އައު އިމާރާތާއެކު އެރަަށުގެ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.
އައު އިމާރާތުގައި ޤާއިމުކުރެވޭ މުޅިން އައު ޚިދުމަތްތަކާއެކު، އެރަށުގެ ރައްޔިތުންނަށް ފަރުވާގެ ބޭނުމަށް ރަށުން ބޭރަށް ދާންޖެހޭ މިންވަރު ކުޑަވެ، ރަށުތެރެއިން ޒަމާނީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެވޭނެކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.