ތެލަސީމިއާ ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ދޭ އެލަވަންސް ލިބޭނީ ތެލަސީމިއާ ސެންޓަރުގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށްކަމަށް ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޮޕަތީސް ސެންޓަރުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ ފަރާތުން ވާހަކަދައްކަވަމުން ޑރ. މަރިޔަމް ޖޫދާ ރަޝީދު ވިދާޅުވީ މޯލްޑިވިއަން ބްލަޑް ސާވިސަސް ތެލަސީމިއާ ސެންޓަރުގައި ދަފްތަރު ކުރެވިފައިވާ 651 ފަރާތްތަކަށް މިމަހު އެލަވަންސް ލިބޭނެކަމަށެވެ. ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ރިޢާޔަތްކޮށް އެކުލަވާލި ތެލަސީމިއާ އެލަވަންސް ދިނުމާ ގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދުގައިވެސް، އެލަވަންސް ލިބުމަށް ޝަރުތު ފުރިހަމަވާނީ ތެލަސީމިއާ ސެންޓަރުގައި ދަފްތަރުވެފައިވާނަމައެވެ. އަދި މިއެލަވަންސް ލިބޭނީ އެކަމަށް އެދި ހުށަހެޅުމުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިވަގުތު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިނގަމުންމިދާ މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ތެލަސީމިއާ ސެންޓަރ، މޯލްޑިވިއަން ބްލަޑް ސާވިސަސް ތެލަސީމިއާ ސެންޓަރުގަ ދަފްތަރުކުރެވިފައިވާ ހުރިހާ ފަރާތްތަކަކަށްވެސް (އެލަވަންސް) ލިބޭ ގޮތަށް މި ވަނީ. އެކަމަކު އެލަވެންސެއް ލިބޭނީ އެލަވަންސަށް އެޕްލައި ކުރުމަށްފަހު." ޑރ. މަރިޔަމް ޖޫދާ ރަޝީދު ވިދާޅުވިއެވެ.
ތެލަސީމިއާ އެލަވަންސް ދިނުމާ ގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދުގައިވާގޮތުން ދަފްތަރުވެފައިވާ ހުރިހާ ފަރާތަކަށް އެލަވަންސް ހަމަޖެހުމުގެ ފުރުސަތު އޮތް ނަމަވެސް، ފަރުވާ ލިބުމަށްފަހު ތެލަސީމިއާއަށް ފަރުވާކުރަން ނުޖެހޭނަމަ، އެފަރާތްތަކަށް އެލަވަންސެއް ނުލިބޭނެއެވެ. އެހެންނަމަވެސް، ފަރުވާއަށްފަހުވެސް، ތެލަސީމިއާ ބައްޔަށް ފަރުވާކުރަންޖެހޭ ޙާލަތަކަށް ރުޖޫޢަވެއްޖެނަމަ އެފަރާތަކުން އެލަވަންސަށް އެދި އަލުން ހުށަހަޅާން ޖެހޭނެއެވެ. އަދި މިކަމަށް ހުށަހަޅާތާ 1 މަސް ދުވަހުގެ ތެރޭގައި އެލަވަންސް ދިނުމާމެދު އެޖެންސީން ގޮތެއް ނިންމާނެ ކަމަށް ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުން ވިދާޅުވެއެވެ.
އެލަވަންސް ހޯދުމަށް ހުށަހަޅާނީ ވަންގަވް މެދުވެރިކޮށް އީފާސް ބޭނުންކޮށްގެންނެވެ. އެލަވަންސަށް އެދި ހުށަހެޅުމުން އެންސްޕާގެ ފަރާތުން އެލަވަންސް ހަމަޖެހޭނެކަމަށާއި، ތެލަސީމިއާ ހުންނަ ފަރާތްތަކަށް އެލަވަންސް ލިބުން ކަށަވަރުކޮށްދިނުމަށް އެންސްޕާއާއި ތެލަސީމިއާ ސެންޓަރުން ވަރަށް ގާތުން މަސައްކަތް ކުރާނެކަމަށް އެސެންޓަރުން ވިދާޅުވިއެވެ. އެލަވަންސް ހޯދުމަށް ހުށަހަޅާއިރު، 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް އެލަވަންސް ހޯދުމަށް ހުށަހަޅާނަމަ، އެކުއްޖާގެ މައިންބަފައިންގެ މަޢުލޫމާތާއި، ކުއްޖާ ބަލަހައްޓާ ބެލެނިވެރިޔާގެ މަޢުލޫމާތު ހިމެނުމަށް ސަމާލުކަން ދިނުމަށް އެސެންޓަރުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިހާރު ދަފްތަރުވެފައިވާ ފަރާތްތަކުންވެސް މިމަޢުލޫމާތު އަދާހަމަކުރުމަށްވަނީ އެދިވަޑައިގެންފައެވެ.
މިމަހު އެލަވަންސަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މިރޭ 12ގެ ނިޔަލަށެވެ. އެހެންނަމަވެސް ފެބްރުއަރީ މަހުން ފެށިގެން އެލަވަންސަށް އެދި ހުށަހެޅޭނީ ކޮންމެ މަހެއްގެ 15ގެ ނިޔަލަށެވެ.
ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ރިޢާޔަތްކޮށް އެކުލަވާލި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި ތެލަސީމިއާ ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް އެލަވަންސެއް މިއަހަރު ދޭންފަށަން ނިންމާފައިވަނީ ތެލަސީމިއާ ހުންނަ ފަރާތްތަކަށް ލިބޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށާއި، މުޖުތަމަޢުގެ އެހެން މީހުންނެކޭ އެއްފަދައިން ޢާންމު ދިރިއުޅުމެއް އުޅުމުގެ ފަހި މާޙައުލެއް ކަށަވަރު ކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ މަސައްކަތުގެ ދަށުންނެވެ.
ތެލަސީމިއާ ހުންނަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ތަޞައްވުރާއެކީ، ސަރުކާރުން ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތްތައް ހުޅުމާލޭ އޮރެންޖު ހިޔާގައި ދޭން ފަށާފައެވެ. އަދި ތެލަސީމިއާ ފަރުވާ ދިނުމަށް ޚާއްޞަ ހޮސްޕިޓަލެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.