ފަލަސްޠީންގެ ޣައްޒާގެ ހިންގުމާ ޙަވާލުވާން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވާފައިވާ ޞުލްޙައިގެ ބޯޑުގެ ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
އެ ބޯޑު ފުރިހަމަ އެކުލަވައިލެވުމުން، ޣައްޒާގެ އިތުރުން، ހަމަނުޖެހުން ބޮޑު އެހެން ސަރަޙައްދުތަކަށް ވެސް ސުލްޙަ ގެނައުމަށް އެ ބޯޑުގެ ދަޢުރު ފުޅާކުރުމުގެ ތަސައްވުރު ޓްރަމްޕް ވަނީ ހާމަކުރައްވައިފައެވެ. އެ ބޯޑު މަސައްކަތް ކުރާނީ އދއާ ގުޅިގެން ކަމަށް ވިދާޅުވިނަމަވެސް، މިހާތަނަށް އެންމެ އެކަށީގެންވާ ގޮތެއްގައި އދއަށް މަސައްކަތް ކުރެވިފައިވާ ކަމަށް ޓްރަމްޕް ޤަބޫލެއް ނުކުރައްވައެވެ.
ޞުލްޙައިގެ ބޯޑާ ގުޅުމަށް 60 ޤައުމަކަށް އެމެރިކާއިން ވަނީ ދަޢުވަތު ދީފައެވެ.
އެ ބޯޑުގައި ބައިވެރިވުމަށް ތުރުކީވިލާތާއި، މިޞްރު، ސަޢުދީ ޢަރަބިއްޔާ އަދި ޤަތަރު ފަދަ ޤައުމުތަކުން އެއްބަސްވެފައިވީނަމަވެސް، އެ ބޯޑު ޙަރަކާތްތެރިވާން ފެށުމާއެކު، ބައިނަލްއަޤުވާމީ ދުނިޔޭގައި އދއިން މިހާރު އަދާ ދަޢުރަށް ހިޔަނިއެޅިދާނެކަމުގެ ބިރާއެކު، ހުޅަނގުގެ ބޮޑެތި ޤައުމުތަކުން އެ ބޯޑާ ގުޅުމަށް ދަނީ ފަސްޖެހެމުންނެވެ.
އެ ބޯޑުގައި ބައިވެރިވާ ޤައުމުތަކުން، ޣައްޒާ އަލުން ބިނާކުރުމަށް އެހީތެރިވުމަށް އެއް ބިލިއަން އެމެރިކާ ޑޮލަރު ދޭންޖެހޭނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޣައްޒާގައި ސުލްޙަ ޤާއިމުކުރެވެމުން، ހަމަނުޖެހުން ބޮޑު އެހެން ސަރަޙައްދުތަކުގައި ސުލްޙަ ޤާއިމުކުރެވޭނެކަމުގެ ނަމޫނާއަކަށް އެ ބޯޑު ވެގެންދާނެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވެސް ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ އިތުރުން، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުތަކުގެ ގޮތުގައި އދގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ އަނެއް ހަތަރު ޤައުމުން އެ ބޯޑުގައި ބައިވެރިވާނެކަމުގެ ޔަޤީންކަން ދީފައެއް ނުވެއެވެ.
އެ ބޯޑުގައި ބައިވެރިވުމުގެ ޝަޢުޤުވެރިކަން ހުރިކަމަށް ރަޝިޔާއިން ބުނެފައިވީނަމަވެސް، އެކަމާ ގުޅޭގޮތުން ޗައިނާއިން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ފަރަންސޭސިވިލާތުގެ އިތުރުން އިނގިރޭސިވިލާތުން ވަނީ އެ ބޯޑުގައި ބައިވެރިނުވާނެކަމަށް ބުނެފައެވެ.