ޚަބަރު

ދެކުނުގެ 4 އަތޮޅު ވައިގެ ދަތުރުން ގުޅާލަނީ


  • ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ ފެބްރުއަރީ 1 ވަނަ ދުވަހު

  • ޓިކެޓު އަގުތައް ފެށެނީ 500ރ އިން

  • ދަތުރުތަކަށް ބޭނުން ކުރާނީ ސީޕްލޭން ދަތުރުތަކުގައި ބޭނުން ކުރާ ޓްވިން އޮޓަރ މަރުކާގެ ބޯޓުތައް

ރާއްޖޭގެ ދެކުނުގެ 4 އަތޮޅު ވައިގެ ދަތުރުން ގުޅާލުމަށް ދަތުރުތައް ފެށުމަށް ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަންއިން މި ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުއެވެ.

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ އަތޮޅާއި، ފުވައްމުލަކާއި، ގއ.އަތޮޅު އަދި ގދ. އަތޮޅު ގުޅުވާލުމަށް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ. މި ދަތުރުތައް އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބާއްވާނެކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.

މި ހަތަރު އަތޮޅުގެ 4 އެއަރޕޯޓު ވައިގެ މަގުން އެއް އެއަރޕޯޓު އަނެއް އެއަރޕޯޓާއި ގުޅުވާލައި ދަތުރުތައް ފަށަން އެކުންފުނިން ތައްޔާރުވެފައިވާއިރު މި ދަތުރުތަކަށް ބުކިން ހެދުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ދަތުރުތަކުގެ އަގުތައްވެސް މޯލްޑިވިއަނުން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވިއަނުން މި ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ 5 ސެކްޓަރ ނުވަތަ ރޫޓަށް ބަހާލައިގެންނެވެ. އެއީ އައްޑޫ ގަމުން ހުވަދު އަތޮޅުގެ ކާޑެއްދޫ އަދި ކޫއްޑޫ އެއަރޕޯޓު އަދި ފުވައްމުލަކަށް ދަތުރުކުރެވޭ ގޮތަށާއި ފުވައްމުލަކުން ކާޑެއްދޫ އަދި ކޫއްޑޫއަށް ދެވޭ ގޮތަށެވެ. ދަތުރުތަކަށް އަގުތައް ކަނޑައަޅާފައިވަނީ 500ރ އިން ފެށިގެންނެވެ.

މޯލްޑިވިއަން ދެކުނުގެ ދަތުރުތަކާއި އަގުތައް

  • ގަން - ފުވައްމުލައް - 500ރ
  • ފުވައްމުލައް - ކޫއްޑޫ - 650ރ
  • ފުވައްމުލައް - ކާޑެއްދޫ - 650ރ
  • ގަން - ކާޑެއްދޫ - 900ރ
  • ގަން - ކޫއްޑޫ - 900ރ

މޯލްޑިއަނުން މިކަމާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ އެންމެ ކުދި ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރާ ޓްވިން އޮޓަރ މަރުކާގެ ބޯޓުތަކުގައި ކަމަށެވެ. މިއީ 15 މީހުންގެ ޖާގައިގެ ކުދި ބޯޓުތަކެކެވެ.

އެކުންފުނިން ވިދާޅުވީ ދެކުނުގެ އަތޮޅުތައް ގުޅުވާލުމަށް ކުރަމުންދާ މަސައްކަތަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ސަރަހައްދީ ދަތުރުފަތުރު ހަރުދަނާ ކުރުމަށް ގެންގުޅޭ ސިޔާސަތާއި އެއްގޮތްވާ ގޮތުގު މަތިން ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މިދަތުރުތައް ފެށުމުން މި ސަރަހައްދުގެ ވައިގެ އުދުހުންތަކުގެ ހަބަކަށް އައްޑޫ ގަން ވެގެންދާނެ ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.

އެކުންފުނިން ވަނީ މިދަތުރުތައް ފެށުމުން، މި ސަރަހައްދުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން އަމިއްލަ ދަތުރުތަކާއި ތަޢުލީމާއި އަދި އެނޫންވެސް ޒަރޫރީ ބޭނުންތަކަށް މި އަތޮޅުތަކުގެ މެދުގައި ކުރާ ދަތުރުތަކަށް މަގުފަހިވެގެންދާ ކަމަށެވެ. މީގެ އިތުރުން ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް އައްޑޫ ގަން މެދުވެރިކޮށްވެސް ދަތުރުކުރުމަށް މީގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.

މިދަތުރުތައް ފެށުމާއި މި ސަރަހައްދުގެ ރައްޔިތުންގެ އިތުރުން ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް ކުރިއެރުން ލިބޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ގަމަށް އަންނަ ފަތުރުވެރިން މި ސަރަހައްދުގެ އެހެން ރަށްތަކަށް ދަތުރުކުރުމަށް އެއް ވިއުގާއެއްގެ ތެރެއިން މަގުފަހި ވެގެންދާނެ ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ. މީގެ ސަބަބުން މި ސަރަހައްދުގެ ރިސޯޓުތަކާޢި ގެސްޓް ހައުސްތަކާއި އަދި ފަތުރުވެރިކަމާއި ގުޅުންހުރި އެހެން ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ފައިދާވާނެ ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.

މޯލްޑިވިއަނުން ދެކުނު ސަރަހައްދުގައި ކުދި ބޯޓުތައް ބޭނުންކޮށްގެން ދަތުރުތައް ފަށަން ތައްޔާރުވަމުންދާއިރު، ސީޕްލޭން ދަތުރުތައް ރޭގަނޑު ނުކުރެވޭ ރަށްތަކަށް ކުޑަ އެއަރސްޓްރިޕެއް މެދުވެރިކޮށް މި ބޯޓުތަކުގައި ރޭގަނޑު ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.