ޚަބަރު

ޔޫކްރެއިން ހަނގުރާމަ ނިންމުމަކަށް ގެނައުމުގައި އަދިވެސް ދެބަސްވުން


ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް، އެމެރިކާގެ ސަރުކާރުގެ މަންދޫބުންނާއި ރަޝިޔާގެ ރައީސް ވްލެޑިމީރް ޕޫޓިން އާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބުނުނަމަވެސް، ދާޢިމީކޮށް ސުލްޙަ ޤާއިމުކުރެވޭނީ ސަރަޙައްދު ވަކިކުރުމާމެދު މިހާރު އޮތް ދެބަސްވުންތައް ޙައްލުވެގެންކަމަށް ރަޝިޔާއިން ބުނެފިއެވެ.

ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް އަބޫދާބީގައި މިއަދު ބާއްވަން ތާވަލުކޮށްފައިވާ ބައްދަލުވުމުގައި ޔޫކްރެއިނާއި އެމެރިކާގެ މަންދޫބުންނާ އެކު ބައިވެރިވާން ރަޝިޔާއިން ވަނީ އެއްބަސްވެފައެވެ.

އެ ބައްދަލުވުމުގެ ކުރިން، ރޭގެ ވަގުތެއްގައި ޕޫޓިން ވަނީ އެމެރިކާގެ އިސް މަންދޫބުންނާ އެކު މޮސްކޯގައި ވަރަށް ދިގުކޮށް މަޝްވަރާތައް ކުރައްވައިފައެވެ.

ރަޝިޔާ ސަރުކާރުގެ މަންދޫބު ޔޫރީ އުޝަކޯވް ވިދާޅުވީ، ސަރަޙައްދު ވަކިކުރުމާ ގުޅޭގޮތުން އެއްބަސްނުވެވޭނަމަ، ސުލްޙައިގެ އެއްބަސްވުމެއް ދަމަހައްޓަން އުނދަގޫވާނެ ކަމަށެވެ.

މިގޮތުން، ހަނގުރާމަ ނިމުމަކަށް އައުމަށްފަހު، ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ޑޮންޓްކްސް ސަރަޙައްދުން 20 އިންސައްތަ ޔޫކްރެއިނުން ދޫކޮށްލުމަކީ ރަޝިޔާގެ ޝަރުތެކެވެ.

އަދި އެކަމަށް ދޫނުދޭނެކަމުގެ އިޝާރާތެއް އުޝަކޯވް ވަނީ ދެއްވައިފައެވެ.

ނަމަވެސް، ޔޫކްރެއިނުން އެ ޝަރުތައް ތަކުރާރުކޮށް ދެކޮޅު ހަދަމުންދިޔުމަކީ، ސުލްޙައިގެ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް މިހާތަނަށް އޮތް އެންމެ ބޮޑު ހުރަހެވެ.

އުޝަކޯވް ވިދާޅުވި ގޮތުގައި، މި ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް މަޝްވަރާގެ ތެރެއިން ގެންނަން ރަޝިޔާއިން ބޭނުންވެއެވެ.

ނަމަވެސް، ރަޝިޔާގެ ޤައުމީ ސަލާމަތާ ގުޅިފައިވާ، ސަރަޙައްދު ކަނޑައެޅުމުގައި އެއްބަސްވުމަކަށް ނާދެވޭނަމަ، އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވައިފައެވެ.