އެމެރިކާއަށް ކުރިމަތިވެފައިވާ އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ހައްޤުތަކަށް އިޚްތިރާމު ކުރުމަށް އދގެ އިންސާނީ ހައްޤުތަކާބެހޭ ހައި ކޮމިޝަނަރު، ވޮލްކަރ ޓަރކް ގޮވާލައްވައިފިއެވެ. އޭނާ އެހެން ވިދާޅުވެފައި ވަނީ އެމެރިކާއިން އިމިގްރޭޝަނާ ގުޅުންހުރި ހަރުކަށި ފިޔަަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ.
ޓަރކް ވަނީ އެމެރިކާއިން ޤަނޫނާ ޚިލާފަށް މީހުން ހައްޔަރުކޮށް ބަންދުކުރުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ބައެއް ހިޖުރަވެރިންނަށް ފާރަލައި ބަންދުކުރަމުންދާ ކަމަށެވެ. އެ އެގޮތަށް ހިޖުރަވެރިން ހައްޔަރުކުރުމުގައި ބައެއް ޙާލަތްތަކުގައި ހަސްފަތާލާއި އަޅުކަންކުރާ ތަންތަނާއި ފަނޑިޔާރުގެތަކާއި މާރުކޭޓުތަކާއި މަދަރުސާތަކާއި ގޭގެފަދަ ތަންތަނުގައި އަނިޔާވެރިކަން އިސްކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހައްޔަރު ކުރާ ގިނަ މީހުން ބަންދުކުރަނީ ޞައްޙަ ލިޔުކިޔުން ނެތް ކަމަށް ކުރެވޭ ޝައްކެއްގެ މައްޗަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޓަރކް ވަނީ ހިޖުރަވެރިން ހައްޔަރުކުރުމުގައި ގިނަ ޢަދަދެއްގެ ހަތިޔާރު އެޅި ޚާއްޞަ އޮފިސަރުން ޙަރަކާތްތެރިވުމާ މެދު ވެސް ފާޑުވިދާޅުވެފައެވެ. ޚާއްސަ ގޮތެއްގައި އެމެރިކާގެ މިިނިއަޕޮލިސްގައި ޙަރަކާތްތެރިވަމުންދާ ގިނަ ޢަދަދެއްގެ އޮފިސަރުންނާ ގުޅޭގޮތުން އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކުރާ ކަމަށް ފާހަގަވެފައިވާ ކަމަށާއި، އެ ފަދަ ގޮތަކަށް ޢަމަލުކުރަން ޖެހޭނީ ފުރާނައަށް ނުރައްކާވާ ފަދަ ޙާލަތްތަކުގައި އިތުރު ގޮތެެއް ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހައްޔަރު ކުރާ ބައެއް މީހުންނަށް ޤާނޫނީ ލަފާ ހޯދުމުގެ ފުރުޞަތު ވެސް އެދެވޭ ގޮތަކަށް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓަރކް އިތުރަށް ވަނީ އެމެރިކާގެ އިމިގްރޭޝަނާއި ކަސްޓަމްސް އެންފޯސްމެންޓުގެ ބެލުމުގެ ދަށުގައި ތިއްބާ މަރުވަމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާތީ މިނިވަން ތަހުޤީޤެއްް ކުރުމަށް ގޮވާލައްވައިފައެވެ. 2025ވަނަ އަހަރު 30 މަރު އަދި މި އަހަރުގެ މިހާތަނަށް މި ފަދަ ހަ މަރު ރެކޯޑު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.