މިދިޔަ އަހަރު ނ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެރަށުގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށް ޝެޑިއުލް ދަތުރުތައް ފަށްޓަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ސަރުކާރުގެ މި ތަސައްވުރު ހާސިލްކުރުމަށްޓަކައި ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ވަނީ މިކަމަށްކުރަންޖެހޭ އަމަލީ ހުރިހާ މަސައްކަތްތަކެއް ނިންމައި، ޝެޑިއުލް ފްލައިޓްތައް ބާއްވަން ފަށާފައެވެ.
"އެއާޕޯޓް ޤާއިމުކުރެވެންދެކަށްވަސް، އަދި ފަހުންވެސް ބޭނުންވަންޏާ ބޭނުންކުރުމަށްޓަކައި، އަޅުގަނޑުމެން މި ރަށަށް ޚާއްޞަކޮށްގެން، ސީޕްލޭން ޕްލެޓްފޯމެއް، މި އަންނަ އަހަރުގެ ޖަނަވަރީމަހު ޤާއިމުކޮށްދީ، ރެގިއުލަރ ސީޕްލޭން އޮޕަރޭޝަން ފަށައިދޭނަން. އަދި ހަމަ އެގޮތަށް، މި އަންނަ އަހަރު ޖަނަވަރީ މަހަށް، މި ރަށަށް ޚާއްޞަކޮށް، މި ރަށުގައި ސްޓޭޝަންކޮށްފައި ބާއްވާ، ސީ އެމްބިއުލާންސެއް ޤާއިމުކޮށްދޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ނ. ވެލިދޫގައި ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ފެށުމާއެކު އެ ރަށާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބި، އިޤްތިޞާދީ އައު ދޮރުތަކެއް ހުޅުވިގެންދާނެކަމީ މިއަދު އެރަށު ރައްޔިތުން ގަބޫލުކުރާ ކަމެކެވެ. މިއީ ދަތުރުފަތުރުގެ ހަރުދަނާ ނިޒާމަކުން ރަށްތައް ގުޅުވާލައި، ރައްޔިތުންނަށް ހިތްފަސޭހަ ޚިދުމަތެއް ފޯރުކޮށްދޭ ސަރުކާރެއް މިހާރު ރާއްޖޭގައި ވެރިކަންކުރަމުންދާކަން ރައްޔިތުންނަށް ތަސައްވުުރު ކުރެވިގެންދިޔަ ކަމެއް ކަމަށް މިއަދު އެރަށު ކުދިބޮޑު އެންމެހާ ރައްޔިތުން ގަބޫލުކުރެއެވެ.
ވެލިދޫގެ ރައްޔިތުންނަށް މިއަދު މި ހުޅުވިގެންދިޔައީ އަސާސީ ޚިދުމަތްތަކަށް ފަސޭހަކަމާއެކު ވާސިލްވެވޭނެ އައު ފުރުސަތެކެވެ. ސީޕްލޭންގެ ޚިދުމަތަކީ ކޮންމެ ވަގުތެއްގައިވެސް އިތުބާރާއި ޔަގީންކަމާއެކު ދަތުރުކުރެވޭނެ އަމާން މަގެއްގެ ގޮތުގައި ރައްޔިތުން ބަލައިގަނެއެވެ. އަދި މި ޚިދުމަތުގެ ސަބަބުން ބަލިމީހުން އުފުލުމާއި، ޒަރޫރީ ބޭނުންތަކަށް ކުރާ ދަތުރުތަކަށް ބޮޑު ލުޔެއް މިހާރު މިވަނީ ލިބިގެންގޮސްފައެވެ.
"މިކަމުން އަޅުގަނޑުމެންނަށް އަސްލު ވަރަށް ބޮޑު ލުއިފަސޭހައެއް މިލިބިގެންދަނީ. އެއީ މިސާލަކަށް މޫސުމަށް އަންނަ ބަދަލުތަކާއެކު އުޅޭނެ ދޯ ވަރަަށް ގަދަ ދުވަސްތަކުގައި ދަތުރުކުރަން ބިރުގަންނަ މީހުންވެސް. އަސްލު ސީޕްލޭން ޖައްސަންޏާ ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް މިކަމުގައި ފަސޭހަވެގެންދާނެ. ދެން މިސާލަކަށް ޑޮކްޓަރަށް ދައްކަންދާ މީީހުންނަށްވެސް މިހާރު ވަރަށް ފަސޭހަވެގެންދާނެ." ޕީއެސްއެމް ނިއުސްއާ ވާހަަކަދައްކަަމުން ވެލިދޫ ރައްޔިތަކު ބުންޏެވެ.
"ހަގީގަތުގައި މިގޮތަށް ދަތުރުތައް އިންތިޒާމުވެގެންދިއުމަކީ އާންމު ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް. ވަރަށް ބޮޑު ކަމެއް މިއަދު ހާސިލްވެގެންމިދަނީ. ހަގީގަތުގައި ރަށު ރައްޔިތުން އެތައް ދުވަހެއް ވަންދެން އެދެމުންދިޔަ ކަމެއް މިއަދު މި ހާސިލްވެގެން މިދިޔައީ. މިއީ މިރަށު ކޮންމެ ރައްޔިތަކުވެސް މިއަދު އުފާކުރާނެ ކަމެއް." އެރަށު ރައްޔިތަކު އޭނާގެ އިހުސާސްތައް ކިޔައިދިނެވެ.
މި ޚިދުމަތުގެ ސަބަބުން ވެލިދޫގެ އިތުރުން ފޮއްދޫ އާއި ކައިރި ރަށްރަށުގެ ލޯކަލް ޓޫރިޒަމަށް އައު ދިރުމެއް ލިބިގެންދާނެއެވެ. އަދި ފަތުރުވެރިންނަށް ފަސޭހައިން ރަށްރަށަށް ދެވޭނެ މަގު ފަހިވުމަކީ ރަށްރަށުގެ ގެސްޓްހައުސް ވިޔަފާރިތަކަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ހުދު އެރަށު ރައްޔިތުން ގަބޫލުކުރެއެވެ. މީގެ އިތުރުން، ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އައު ފުރުސަތުތައް ހުޅުވި، ރާއްޖޭގެ އެހެން ސަރަހައްދުތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމީވެސް މިއަދު ދެބަސްވެވެން ނެތް ހަގީގަތެކެވެ.
"މިރަށަށް ސީޕްލޭންގެ ޚިދުމަތަކީ އަސްލު ވަރަށް މުހިންމު ޚިދުމަތެއް. ވާގޮތަކީ މިރަށުގައި އަސްލު ގެސްޓްހައުސް ވިޔަފާރި ކުރާ ވަރަށް ބައިވަރު މީހުން އުޅޭތީވެ. ގެސްޓުން ގެނައުމަށް އަސްލު ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންމިދިޔައީ. ލޯކަލް ޓޫރިޒަމްވެސް މިރަށުގައި ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމެއް މިކަމަކީ." އެރަށުގެ ރައްޔިތަކު ޕީއެސްއެމް ނިއުސްއަށް ކިޔައިދިނެވެ.
"އަޅުގަނޑު ދެކޭގޮތުގައި ވަރަށް އުފާވެރި އަދި ވަރަށް ހިތްހަމަޖެހޭ ދުވަހެއް މިއީ. މިއީ އަޅުގަނޑުމެން ވަރަށް ދުވަސްވަންދެން އެދެމުންދިޔަ ކަމެއް މިރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި. ގިނަ ބޭފުޅުންގެ ޚިޔާލަކަށް އައީ ޓްރާންސްޕޯޓުގެ މައްސަލަ އޮންނާތީ މިތަަނަށް (ޓޫރިސްޓުން) ނާންނަ ވާހަކަ. ދެން އިރާދަކުރެއްވިއްޔާ ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން ކުރެވުނު މަސައްކަތާއެކު މިއަދު މިކަންވެސް ހާސިލްވެގެން މިދިޔައީ. މިއީ ވަރަށް ތާރީޚީ ވަރަށް އުފާވެރި ދުވަހެއް." އެރަށުގެ ހަރު އުމުރުފުރާގެ މީހަކު ބުންޏެވެ.
ސަރުކާރުގެ ސިޔާސަތަކީ ހަރުދަނާ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމެވެ. މިހާރުވެސް ބައެއް ރަށްރަށުގައި ސީޕްލޭންގެ ޚިދުމަތް ފަށާފައިވާއިރު، ކުރިއަށް އޮތް ތަނުގައި އިތުރު ރަށްރަށަށް މި ޚިދުމަތް ފުޅާކުރުމަށް ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގެ ރަށްރަށުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.