ޚަބަރު

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިން ރަށަކުން ހަތަރު މީހުން ހައްޔަރުކޮށްފި


  • ކުޅުދުއްފުށިން ހައްޔަރުކޮށްފައިވަނީ 55 އަހަރުގެ ޢަބްދުއްސައްތާރު ޢަލީ

  • ދުވާފަރުން ހައްޔަރުކޮށްފައިވަނީ 20 އަދި 18 އަހަރުގެ މީހެއް

  • އޭދަފުށިން ހައްޔަރުކުރީ 27 އަހަރުގެ މުޙައްމަދު ރައްޝާމް

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިން ރަށަކުން ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންތައް ހިންގާފައިވަނީ ހދ. ކުޅުދުއްފުށި ސިޓީއާއި، ރ. ދުވާފަރުގެ އިތުރުން ބ. އޭދަފުށީގައެވެ.

މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ކުޅުދުއްފުށި ސިޓީން ހައްޔަރުކޮށްފައިވަނީ އެ ރަށު ގުލާބީގެ، އުމުރުން 55 އަހަރުގެ ޢަބްދުއްސައްތާރު ޢަލީއެވެ. ފުލުހުން ވިދާޅުވީ، މިމަހުގެ 22 ވަނަ ދުވަހު މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު ރަބަރުކޮޅު ފެނިފައިވާ ކަމަށެވެ. އަދި ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 7 ދުވަސް ޖަހާފައިވާ ކަމަށެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ދުވާފަރު ޕޮލިސް ގުޅިގެން މި މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ރ. ދުވާފަރު / ސެމަންވިލާ، އުމުރުން 20 އަހަރުގެ ޢަލީ މައިސާންއާއި، އެ ރަށު ގުރީންހެވަން، 18 އަހަރުގެ ހޫދު ޙުސައިންއެވެ. މި މީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ކޯޓުން ވަނީ، މި ދެ މީހުންވެސް 7 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ބ. އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި މަހުގެ 22 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ، އެ ރަށު ބަށިމާގެ، އުމުރުން 27 އަހަރުގެ މުޙައްމަދު ރައްޝާމްއެވެ. އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި، ސެލޯފިންކޮޅެއްގެ އިތުރުން ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 36 ގުރާމެވެ. ކޯޓުން ވަނީ، އޭނާ 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ގެންދަނީ، މި ތިން މައްސަލަވެސް އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.