ޚަބަރު

ބާރުގަދަ ތޫފާނާއެކު އެމެރިކާގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރައިފި


އެމެރިކާގައި މިހާރު ތަޖުރިބާ ކުރަމުންދާ ފިނި މޫސުމުގައި، ބާރުފަދަ ތޫފާނެއް އަރައި، ބޮޑު ސަރަޙައްދަކަށް ކަރަންޓުގެ ޚިދުމަތް ކެނޑި، ވައިގެ ދަތުރުފަތުރަށް ބުރޫއަރައިފިއެވެ. މޫސުމާބެހޭ އިދާރާއިން ބުނީ، އެމެރިކާގެ އިރުމަތީގެ ގިނަ ސަރަޙައްދުތަކަށް ބާރުގަދަ ވަޔާއެކު ފިނިހޫނުމިން ވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

އެ ތޫފާނުގައި ލިބުނު ގެއްލުންތަކުގައި، 200،000އަށް ވުރެ ގިނަ މީހުންނަށް ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާއިރު، 4،000އަށް ވުރެ ގިނަ ވައިގެ އުދުހުންތައް ކެންސަލް ކުރަންޖެހި، ވައިގެ އުދުހުންތަކަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާކަމަށް ކަމާގުޅޭ އިދާރާތަކުން ބުންޏެވެ.

މިއީ ތާރީޚީ ތޫފާނެއްގެ ގޮތުގައި ސިފަކުރައްވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ސައުތު ކެރޮލައިނާ، ނޯތު ކެރޮލައިނާ، ވަރޖީނިއާ، ޓެނަސީ، ޖޯޖިއާ، މެރިލަންޑް، އާކެންސާ، ކެންޓަކީ، ލުއީޒިއާނާ، މިސިސިޕީ، އިންޑިއާނާ އަދި ވެސްޓު ވަރިޖިނިއާ ފަދަ ސްޓޭޓުތަކުގައި ކާރިޘާގެ ޙާލަތު އިޢުލާނުކުރައްވައިފައެވެ. އަދި މައި ސަރުކާރުން، މި ޙާލަތު ގާތުން ބަލައި، އެ ސްޓޭޓުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓެކްސަސް، ލުއީޒިއާނާ، މިސިސިޕީ އަދި ޓެނަސީގައި، ކަރަންޓުގެ ޚިދުމަތް ކެނޑިގެން މިހާތަނަށް 217،000އަށް ކަސްޓަމަރުންގެ ރިޕޯޓު ލިބިފައިވާކަމަށް އިދާރާތަކުން ބުނެފައިވެއެވެ.

ތޫފާނުގެ ސަބަބުން، އިއްޔެ އެކަނިވެސް، 4،000 ވައިގެ އުދުހުންތައް ކެންސަލް ކޮށްފައިވާއިރު، މިއަދު ތާވަލުކޮށްފައިވާ އުދުހުންތަކުގެ ތެރެއިން، 9،000 ވުރެ ގިނަ އުދުހުންތައް މިހާރުވެސް ވަނީ ކެންސަލްކުރަންޖެހިފައެވެ. އެ ސަރަޙައްދުތަކުގައި އާދަޔާޚިލާފަށް ފިނިގަދަވުމުގެ ސަބަބުން، ބޭރަށް ނުކުމެ ނޫޅުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ ދާޚިލީ ވުޒާރާއިން ވަނީ ޢާންމުންނަށް އިލްތިމާސްކޮށްފައެވެ.