ޚަބަރު

މުދާއުފުލާ ބޯޓުން ތެޔޮލީކުވާން ފަށައިފި - ފުވައްމުލަކު ކައުންސިލް


ފުވައްމުލަކު ފަރަށް އަރާފައިވާ މުދާ އުފުލާ ބޯޓުން ތެޔޮ ލީކުވާން ފަށައިފި ކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ.

އިއްޔެއިން ފެށިގެން ބޯޓުން ތެޔޮ ލީކުވާން ފަށާފައިވާ ކަމަށާއި ރަށުގެ ގޮނޑުދޮށުންވެސް ތެލުގެ އަސަރު ފެނިފައިވާ ކަމަށް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް ފަލާޙް ޝަރީފް ވިދާޅުވިއެވެ. އަދި، މިކަން އެނގިލެއްވި ހިސާބުން ފެށިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީއަށާއި ކަމާގުޅޭ އިދާރާތަކަށް މިކަން އަންގަވާފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

ހިލަޔާއި ހިލަވެލި ބަރުކޮށްގެން ފުވައްމުލަކަށް ދިޔަ މިބޯޓު އެރަށު ހުޅަނގު ދެކުނު ފަރާތު ފަރުމައްޗަށް އަރާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ހަވީރުއެވެ.

img:http://s1.psmnews.mv/images/660x400/14736634293385.jpg|ފުވައްމުލަކު ގޮނޑުދޮށަށް ތެލުގެ އަސަރުކޮށްފައި- ފޮޓޯ: ފުވައްމުލަކު ކައުންސިލް

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ، ބޯޓް ފުންކުރުމަށްޓަކައި އެބޯޓުން 1،500 ޓަނުގެ ސާމާނު އެ ސަރަޙައްދުގެ މޫދަށް އަޅާލާފައިވާ ކަމަށާއި، އެ ސާމާނު މޫދަށް އަޅަން ހުއްދަ ދެއްވީ މޫދަށް އެއްޗެހި އަޅައިގެން ލިބޭ ގެއްލުމަށްވުރެ އެބޯޓް އެގޮތަށް އޮވެ އަޑިއަށް ގޮސްފިނަމަ ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް ޤަބޫލު ކުރެވޭތީ ކަމަށެވެ.

"އެބޭފުޅުން ހުރިހާ އެއްޗެއް ފަޅުމައްޗަށް އަޅާކަށް ނޫން ހުއްދަ ދިނީ. އެބޯޓް ފުން ވަންދެކަށް ފަރުމައްޗަށް އެއްޗެހި އަޅަން މިއޮތީ. މިގޮތަށް އަޅުގަނޑުމެން ހުއްދަދޭން މި ޖެހުނީ މިއެއްޗެއްސާއެއްކޮށް ބޯޓް ހަލާކުވެއްޖެ ނަމަ މިހާރު ފަރަށް މިއެއްޗެހި އަޅައިގެން ލިބޭ ގެއްލުމަށްވުރެ ބޮޑު ވާނެކަމަށް ފެންނާތީ ސަރުކާރުގެ ހުރިހާ މުވައްސަސާތަކާ މަޝްވަރާކޮށްގެން އެ ހުއްދަ ދިނީ. އެއީ ލިބިދާނެ ގެއްލުން ހައްތާވެސް ކުޑަ ކުރުމަށްޓަކާ" އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވިއެވެ.

ވިއެޓްނާމްގެ "އެމްވީ އެން.ޖީ.އޯ.ސީ، ސަން" ނަމަކަށް ކިޔާ މިބޯޓު ފުން ކުރުމަށްޓަކައި ބޯޓުގެ ވެރިފަރާތުން ވަނީ ރާއްޖެއިން ބޭރުން ޓަގްބޯޓެއް ގެނެސް މަސައްކަތް ފަށާފައެވެ.

ބޯޓް ފުންކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ފުރަތަމަ ދެއްވި 15 ދުވަހުގެ މުއްދަތުގެ ތެރޭގައި އެ ސަރަޙައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން އެ މަސައްކަތަށް ހުރަސް އެޅިފައިވާތީ، ބޯޓް ފުން ކުރުމުގެ މުއްދަތު ވަނީ 15 ދުވަހަށް އިތުރުކޮށްދެއްވާފައެވެ.