ޚަބަރު

ޢީދު ބަންދަށްފަހު ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފި


ޢީދު ބަންދަށް މާލެއިން އަތޮޅުތަކަށް ގިނަ ބަޔަކު ޒިޔާރަތް ކޮށްފައިވާތީ، އަތޮޅު ތަކުން މާލެއަށް އަންނަ އިރު ދަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފިއެވެ.

އަޟްޙާ ޢީދު ބަންދާއި ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ފައްޓަވާފައެވެ. މިޕްރޮގްރާމަކީ އަޟްޙާ ޢީދު ބަންދަކީ ކަނޑުމަގުން ގިނަ ޢަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމުން ދަތުރުރުވެރިންނާއި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާވާ ޕްރޮގްރާމެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ޕްރޮގްރާމްގެ ދަށުން ޢީދުބަންދަށް މާލެއިން އަތޮޅުތަކަށް ފުރި ގިނަ އުޅަނދުފަހަރު ޗެކްކުރައްވާފައިވާއިރު މި އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރީ ޖުމްލަގޮތެއްގައި ރަނގަޅަށްކަން އެމްއެންޑީއެފުން ފާހަގަކުރެއްވިއެވެ. އީދުބަންދު ނިމުމުން އަތޮޅުތަކުން މާލެއަށް ގިނަ ބަޔަކު ކަނޑުމަގުން ދަތުރު ކުރައްވާނެތީ ޢީދު ބަންދު ނިމެންދެން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެމްއެންޑީއެފުން ވަނީ ނިންމަވާފައެވެ.

މި ޕްރޮގްރާމްގެ ދަށުން އެމްއެންޑީއެފް ނޮދަން އޭރިއާ އާއި މާލޭ އޭރިއާ އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާގައި ޤާއިމުކުރައްވާފައިވާ ކޯސްޓްގާޑް ސްކޮޑްރަންތަކުން މިއޭރިއާތަކުގެ ރަށްތަކުގައިވެސް މި ޕްރޮގްރާމް ކުރިއަށް ގެންދަވާނެކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ ދަށުން ސިފައިން ޗެކްކުރައްވާ ކަންތައްތަކުގެ ތެރޭގައި، އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޗެކްކުރެއްވުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ޗެކް ކުރައްވާނެއެވެ.

ޢީދުބަންދު ނިންމާ އަތޮޅުތަކުން މާލެއަށް ދަތުރު ކުރައްވާއިރު އޮޑިވެރިންނާއި، ކެޕްޓަނުން އަދި ފަޅުވެރިންނާއި ދަތުރުވެރިންވެސް، މި ދަތުރުކުރެވެނީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެންމެ ރަނގަޅު އުޅަނދެއްކަން ޔަޤީންކުރެއްވުމަށް ކޯސްޓް ގާޑުން އިލްތިމާސްކުރައްވައެވެ. އަދި ދަތުރު ކުރަމުންދާއިރު އެއްވެސް ހާދިސާއެއް ދިމާވެއްޖެނަމަ، ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެއިތުރުން، ދަތުރު ކުރައްވާއިރު މޫސުމަށް ޙާއްޞަ ސަމާލުކަމެއް ދެއްވުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސް ކުރައްވާފައެވެ.