ޚަބަރު

އައިޓީއެފް މުބާރާތަށް ދިޔަ ޓީމާމެދު އުންމީދު ބޮޑު: ކޯޗު


  • އަންޑަރ 14 އައިޓީއެފް ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕްގައި 4 ކުޅުންތެރިން ވާދަކުރޭ

  • މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން މާލޭގައި 2 ހަފުތާގެ ކޭމްޕެއް ބޭއްވި

އައިޓީއެފް ޑިވެލޮޕްމެންޓް ޗެމްޕިއަންޝިޕަށް ކެމްބޯޑިއާއަށް ދިޔަ ރާއްޖޭގެ ޓީމާމެދު ވަރަށް އިތުބާރު އެބައޮތް ކަމަށް ގައުމީ ޓެނިސް ޓީމުގެ ކޯޗު އަލީ ރިޒާ ބުނެފިއެވެ.
ފުރުމުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކޯޗު އަލީ ރިޒާ ބުނީ މިއީ 2 ހަފްތާގެ މުބާރާތެއް ކަމަށެވެ. ކޯޗު ބުނީ ކޯޗު ބުނީ ކުޅުންތެރިން ދިޔައީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ.

ދެ އަންހެން ކުޅުންތެރިންނާއި ދެ ފިރިހެން ކުދިން އަންޑަރ 14 އައިޓީއެފް ޑިވެލޮޕްމެންޓް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާއިރު ފަރިތަކުރުންތަކުގައި އެންމެ ބޮޑަށް ބެލީ ކެމްބޯޑިއާގައި މުބާރާތް ކުޅޭ މާހައުލަށް ހޭނުން ކަމަށް ކޯޗު ބުންޏެވެ.

ކޯޗު ބުނީ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި ދެ ހަފްތާގެ ކޭމްޕެއް ބޭއްވި ކަމަށެވެ. އަދި ރަނގަޅު ވާދައެއް ކުރެވޭނެ ކަމުގެ ޔަގީންކަން ކުޅުންތެރިންނާއި މެދު އެބައޮތް ކަމަށެވެ.

މުބާރާތުގައި ވާދަކުރާ ކުދިން ބުނީ ވަރަށް ރަނގަޅަށް މުބާރާތަށް ތައްޔާރުވެފައިވާކަމަށެވެ. މުބާރާތުގައި ވާދަކުރާ އަލްސަން ސާމީ މުހައްމަދު ބުނީ ރާއްޖެއިން މިފަހަރު މި ދަނީ ހަމައެކަނި ދެތިން މެޗު ކުޅެ ޕޮއިންޓް ހޯދަން ނޫން ކަމަށާއި، އަމާޒަކީ ޓްރޮޕީ ކަމަށެވެ.

"ހުރިހާ ކުޅުންތެރިންގެ އަމާޒަކީ މި ފަހަރު ޓްރޮފީ ގެނެސް ރާއްޖެ ފަހުރުވެރިކޮށްދިނުން" އަލްސަން ބުންޏެވެ.

މި މުބާރާތުގައި ވާދަކުރާ އިސްރާ އާރާ އިބްރާހީމް ޝަފީއު ބުނީ އެންމެ ރަނގަޅު ކުޅުން ދައްކާ މުބާރާތުގައި ރާއްޖެ ފަހުރުވެރިކޮށްދޭނެ ކަމަށެވެ. އަދި ފަރިތަކުރުންތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި ކޯޗުން ވަނީ ކުދިންނަށް ވަރަށް ބޮޑަށް އެހީތެރިވެދީފައި ކަމަށް އާރާ ފާހަގަކުރިއެވެ. މި މުބާރާތުގައި ވާދަކުރާ ކެންޒާ ބުނީ އަމާޒަކީ ފައިނަލަށް ދަތުރުކޮށް ޓްރޮފީ ރާއްޖެއަށް ގެނައުން ކަމަށެވެ.

މި ކުޅުންތެރިންނާއެކު ކެމްބޯޑިއާއަށް ދިޔަ ކޯޗު ނީރާޖް ބުނީ މިފަހަރު ކެޕްޓަނެއް ގޮތުން އޭނާ މި ދަނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި، ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ވަރަށް ރަނގަޅަށް ކުދިން ތައްޔާރުކޮށްފައިވާ ކަމަށެވެ. މިފަހަރު ބިލީ ޖީން ކިންގް ކަޕާއި ޑޭވިސްކަޕުން ލިބުނު ފަދަ ކާމިޔާބީއެއް މި މުބާރާތުންވެސް ހޯދާނެ ކަމުގެ އުންމީދު ކުރާކަމަށްވެސް ނީރާޖް ކޯޗު ބުންޏެވެ.

މި މުބާރާތުގައި 16 ގައުމު ބައިވެރިވެއެވެ.