ޚަބަރު

އާދީއްތަ ދުވަހު 10,253 ފަތުރުވެރިން، މިއީ ރެކޯޑެއް!


  • ކުރީގެ ރެކޯޑަކީ 10،213 ފަތުރުވެރިން

  • މިއަހަރަކީ 2 ލައްކަ ފަތުރުވެރިން އެންމެ އަވަހަށް ހަމަވި އަހަރު

އިއްޔެއަކީ އެއް ދުވަހެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ދުވަސް ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާާޅުވެއްޖެއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން މި ހަފުތާގެ އާދީއްތަ ދުވަހު 10,253 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ދުވަހެވެ.

ފަހުގެ ތާރީހެއްގައި ރާއްޖެއަށް އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 11ވަނަ ދުވަހުއެވެ. އެއީ 10،213 ފަތުރުވެރިންނެވެ.

މިދުވަސްވަރު ރާއްޖެއަށްދަނީ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަމުންނެވެ. އެގޮތުން މިއަހަރަކީ 2 ލައްކަ ފަތުރުވެރިން އެންމެ އަވަހަށް ހަމަވި އަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. އަދި މިދިޔަ މަހުވެސް ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް މުޅި ޖުމްލަ 235,041 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި 224,358 ފަތުރުވެރިންނާ އަޅާ ބަލާއިރު 4.8 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމުގައިވީ ނަމަވެސް، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެހެންނަމަވެސް ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ ވަރަށް ބާރު ދުވެއްޔެއްގައި އިތުރުވަމުންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 3 ޤައުމު:

ރަޝިއާ: 30,484 ފަތުރުވެރިން
އިޓަލީވިލާތް: 24,576 ފަތުރުވެރިން
ޗައިނާ: 24,498 ފަތުރުވެރިން

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.