އީގަލްސް އާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި ކުލަބު ގްރީން ސްޓްރީޓްސްއަށް ޕްރެޝަރ ހޭންޑްލް ނުކުރެވުނީ ކަމަށާއި މިނިޓެއްހާއިރު އިތުރަށް ކުޅެން ލިބުނު ނަމަވެސް އަންނަ އަހަރުގެ ލީގުގަައި އެކުލަބު އޮންނާނެ ކަމަށް އެކުލަބުގެ ކޯޗު އަލީ ނިސްތާރު ބުނެފިއެވެ.
ގްރީންގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ފެށުނީންސުރެ ކުޅެމުން އައީ ޕްރެޝަރުގައި ކަމަށާއި ފަހު ވަގުތު އެ ޕްރެޝަރ ހޭންޑްލް ނުކުރެވުނީ ކަމަށެވެ. އީގަލްސް އާއި ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާއަށްފަހު ދެން އޮތް މެޗަށް ޖެހޭނީ މަޑުކުރަން ކަމަށް ނިސްތާރު ބުންޏެވެ.
ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް އީގަލްސް ފަހު ވަގުތު ޖެހި ލަނޑާއެކު މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.މިމެޗުން ގްރީން މޮޅުވާން ދަނިކޮށް އީގަލްސް އިން އެއްވަރު ކުރި އިރު ގްރީން މޮޅުވި ނަމަ އަންނަ ސީޒަންގެ ލީގު ޕްލޭއޮފް އަށް އެޓީމު ކޮލިފައިވެފަ ޔުނައިޓެޑް ވިކްޓަރީ ރެލިގޭޓް ވާނެއެވެ.
ދިވެހި ޕްރިމިއަރ ލީގުގައި ދެމިއޮތުމަށް ތިން ޓީމެއްގެ މެދުގައި ވާދަވެރިކަން ބޮޑު ވެފަވާ އިރު ކުލަބު ވެލެންސިއާ އާއި ގްރީންގެ އިތުރުން ޔޫވީ އަށް ވެސް އަދި ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް އެއީ ކުރިއަށް އޮތް މެޗު ކާމިޔާބު ކޮށްގެންނެވެ.
ނިސްތާރު ބުނީ އެ މެޗު ކާމިޔާބުކުރަން ގްރީން އިން މަސައްކަތްކުރާނެ ކަމަށެވެ. އެ ކުލަބުން ދެން ނިކުންނާނީ މިމަހުގެ 5 ވަނަ ދުވަހު ނިއުރޭޑިއަންޓާއި ދެކޮޅަށެވެ.