ކ.އަތޮޅު ހުރާގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް އެ ރަށުން އަލަށް ހިއްކާފައިވާ ސަރަޙައްދުން ގެސްޓްހައުސް ތަރައްޤީ ކުރުމަށް 25 ބިމެއް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން މިއަދު އިއުލާނުކޮށްފިއެވެ.
މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ، 50 އަހަރުގެ މުއްދަތަށެވެ.
ހުރާ ކައުންސިލުން ކުރި ދެ އިއުލާނެއްގައިވާ ގޮތުން، އެރަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރެއިން އަށް ބިމަކީ ހަމައެކަނި ހުރާގެ ރަށްވެހިންނަށް ޚާއްޞަކޮށްފައިވާ ބިންތަކެކެވެ. ބާކީ ހުރި 17 ބިމަކީ، އާންމުކޮށް ކޮންމެ ފަރާތަކަށްވެސް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާފައިވާ ބިންތަކެކެވެ.
މިކަމާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން ކ. ހުރާ ކައުންސިލްގެ ރައީސް އީސާ އަޙްމަދު ވިދާޅުވީ، މިއިން ކޮންމެ ބިމެއްގައި 4000 އަކަފޫޓު ހުންނާނެ ކަމަށެވެ. އަދި މި ބިންތައް ދިނުމުގައި އަމަލުކުރާނީ ޓޫރިޒަމް މިނިސްޓްރީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެވުޒާރާގެ އިރުޝާދުގެ ދަށުން ކަމަށެވެ. މީގެއިތުރުން އެ ސަރަޙައްދުގެ ފެނާއި، ކަރަންޓުގެ ޚިދުމަތް ޤާއިމު ކުރުމަށްޓަކައި ފެނަކައިން ތައްޔާރު ވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ހުރާގެ ރަށްވެހިންނަށް ޚާއްޞަކޮށްފައިވާ އަށް ބިމަށް ކުރިމަތިލުމަށް ބޭނުންވާ ބިޑު ފޯމެއްގެ އަގަކީ، 10,000 ރުފިޔާއެވެ. މި ބިންތަކަށް އެދޭ ފޯމު ދޫކުރުމާއި، ބަލައިގަތުން އަންނަ ހަފުތާގެ ބުދަ ދުވަހުގެ 12:30 އާ ހަމައަށް ކުރިއަށްދާނެއެވެ. އަދި މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ހުރާ ކައުންސިލް އިދާރާގެ ހުރަވީ މާލަމުގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
އާންމުކޮށް ހުޅުވާލާފައިވާ 17 ބިމާ ގުޅޭގޮތުން ކައުންސިލުން ބުނީ، އެ ބިންތަކުގެ ބިޑު ފޯމެއްގެ އަގަކީ 25,000 ރުފިޔާ ކަމަށެވެ. އަދި މި ބިންތަކަށް ބިޑު ހުށަހެޅުމަށް ބޭނުންވާ ފޯމުތައް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 އާ ހަމައަށް ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
މާލެ ކައިރީގައި އޮންނަ ހުރައަކީ މިހާރުވެސް ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުންދާ އަދި ޗުއްޓީ ހޭދަކުރުމަށް ގިނަ ބަޔަކު ޒިޔާރަތް ކުރާ ރަށެކެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާގޮތުން ބިދޭސީންނާއެކު އެ ރަށުގެ އާބާދީއަކީ 1,654 އެވެ. މި އައު ބިންތަކާއެކު ރަށުގެ އިޤްތިސާދަށާއި ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.