ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ކާމީޔާބީގެ އެންމެ މައިގަނޑު ސަބަބަކީ ޗައިނާއިން ފެށިގެން ވަރަށް ބޮޑަށް ޓީމު އެކުލަވާލާ ޓީމު ވޯކް ރަނގަޅުކުރެވުން ކަމަށް ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ބުނެފިއެވެ.
ގައުމީ ފުޓްސަލް ޓީމާއި އެކު ޕީއެސްއެމްއިން ކުރިޔަށް ގެންދިޔަ ހާއްސަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން އިމްރާން ބުނީ ހުރިހާ ކުޅުންތެރިންވެސް އުޅުނީ ވަރަށް އެއްކޮށް ކަމަށެވެ. އަދި ޗައިނާއަށް ދިޔަ ހިސާބުން ފެށިގެން ޓީމެއް ގޮތަށް އެއްކޮށް މަސައްކަތް ކުރެވުނު ކަމަށެވެ.
"ޗައިނާއަށް ގޮސް ހުރިހާ ކުޅުންތެރިންވެސް ވަރަށް އެއްކޮށް އުޅުނީ. ހުރިހާ ވަގުތެއްވެސް އެންމެން އެކީ ހޭދަކުރީ. ވަރަށް ބޮޑަށް ޓީމު އެކުލަވާލާ ޓީމް ވޯކް ބިލްޑްވި، އެއީ މައިގަނޑު ސަބަބަކީ މި ކާމިޔާބީގަ" އިމްރާން ބުންޏެވެ.
ގައުމީ ޓީމުގެ ކުޅުންތެރިން ތައިލޭންޑަށް ދިއުމުގެ ކުރިން ވަނީ ޗައިނާގައި 10 ދުވަހުގެ ކޭމްޕެއް ކޮށްފައެވެ. މި ކޭމްޕްގެ ސަބަބުން ވަރަށް ގިނަ ކަންކަން ދަސްވި ކަމަށާއި، ޓީމުގެ ހުރިހާ ކުޅުންތެރިންގެ އެކުވެރިކަން އާލާވެ އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އާލާވެގެންދިޔަ ކަމަށް ޓީމުގެ ކެޕްޓަން ފާހަގަކުރިއެވެ.
ފުޓްސަލްގެ ސަރަހައްދީ ތަށި ހޯދުމަށް ކުރެވުނު މަސައްކަތުގެ ވާހަކަ ދައްކަމުން އިމްރާން ބުނީ ޗައިނާގައި ހޭދަވި ދުވަސްތަކަކީ މުހިންމު ދުވަސްތަކެއް ކަމަށެވެ. ޗައިނާގެ އިންޑޯގައި ފަރިތަކުރުންތައް ބާއްވާ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ބޮޑު ތަޖުރިބާއެއް ކޭމްޕުން ލިބިގެން ދިޔައިރު ޗައިނާގެ ގައުމީ ޓީމާއެކު މެޗުތަކެއް ކުޅެން ލިބުމަކީވެސް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ޓީމުން ފާހަގަ ކުރެއެވެ.
އިމްރާން ބުނީ އެ ކޭމްޕުން ފެށިގެން ޓީމު ވޯކް ބިލްޑް ކުރުން މިއީ ޓީމަށް ލިބުނު ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ.
"ހުރިހާ ކުޅުންތެރިންވެސް ވަރަށް އެއްކޮށް އުޅެމުން ދިޔައީ. ހުސްވަގުތުވެސް ގިނައިން ހޭދަކުރީ އެންމެން އެއްކޮށް ކުޅުމުގެ ވާހަކަ ދައްކާލާ ވަރަށް އެކީގައ އުޅުނީ" އިމްރާން ބުންޏެވެ.
ސާފް ފުޓްސަލްގެ ފުރިހަމަ ކާމިޔާބީގައި އިމްރާނަކީ މުހިންމު ކުޅުންތެރިއެކެވެ. މުޅި މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމުވެސް ހޯދި އިމްރާން ވަނީ ރާއްޖޭގެ ޓީމު ގޮވައިގެން ކޯޗު ފާރޫކް ޒަކިރޯވްގެ އިރުޝާދުގެ ދަށުން ސަރަހައްދީ ގައުމުތައް ސިއްސުވާލާފައެވެ.
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސާފްގެ ތަށި އުފުލާލި ރާއްޖެއަށް ސަރަހައްދުގެ ލޯތައް އަމާޒުވެގެން ދިޔައީ އިމްރާން އާއި ދެންތިބި ކުޅުންތެރިން ދެއްކި ފެންވަރު ރަނގަޅު ކުޅުމުންނެވެ.
ރާއްޛޭގެ ގައުމީ ޓީމުން ދެން މަސައްކަތް ކުރާނީ މި ތަށި ދިފާއުކުރުމަށް ކަމަށް ޓީމުގެ އޮފިޝަލުން ވަނީ ބުނެފައެވެ. ފުޓްސަލް ޓީމުގެ ކާމިޔާބީ ފާހަގަކުރުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ވަނީ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ޓީމުގެ ޝަރަފުގައި ހާއްސަ ހަފްލާއެއް ބާއްވާފައެވެ.