އިސްލާމީ ދާއިރާއިން 90 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދާކަމަށާއި މިއަހަރު މިސްކިތްތަކުގެ މަރާމާތަށް 15 މިލިޔަން ރުފިޔާ ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވޭތުވެދިޔަ އަހަރު 74 މިސްކިތަކާއި 7 އިސްލާމީ މަރުކަޒާއި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ 3 ގޮތްޕަކާއި 6 ވަޤުފު އިމާރާތާއެކު ޖުމުލަ 90 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށެވެ.
ރައީސް ވިދާޅުވީ ދިއްދޫ އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ނިންމާ ހުޅުވިކަމަށެވެ. އަދި ރަމަޟާން މަސް ފެށުމުގެ ކުރިން އިތުރު 8 މިސްކިތެއް ހުޅުވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށާއި، މިދިޔަ އަހަރު 19.4 މިލިޔަން ރުފިޔާ މިސްކިތްތައް މަރާމާތުކުރުމަށް ޚަރަދުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރު މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތަށް 15 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަހަަރު ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށޭނެ. މީގެ ތެރެއިން 3 މަރުކަޒުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި. މިއަހަރު އިތުރު 17 ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށޭނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުޅުމާލޭގައި ގްރޭންޑް މިސްކިތް ބިނާކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށާއި މިސްކިތްތަކުގެ މައި ހޯލުގައި 800 އަށްވުރެ ގިނަ މީހުންނަށްވުރެ ގިނައިން ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައިގައި އޭސީ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން މާލޭގައި ހުރި 4 މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި ރަމަޟާން މަސް ފެށުމުގެ ކުރިން އޭސީކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ކީރިތި ޤުރުއާންގެ ޢިލްމު ފުޅާކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މިދިޔަ އަހަރަކީ އެންމެ ގިނައިން ހާފިޒުން ދަސްވެނިވި އަހަރުކަމަށެވެ. އެގޮތުން މިދިޔަ އަހަރު 30 ހާފިޒުން ދަސްވެނިވެފައިވާކަމަށެވެ. އަދި ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން އެ މަސައްކަތް ފަށާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ހާފިޒުންގެ އަގުވަޒަންކޮށް ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރާ ބޭފުޅުންނަށް ހިތްވަރު ދިނުމުގެ ގޮތުން ހާފިޒުންނަށް ސަރުކާރުން ދެމުން އައި އެލަވަންސް 2000 ރުފިޔާއިން 4000 ރުފިޔާއަށް ވާނީ ބޮޑުކޮށްފައި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކީރިތި ޤުރުއާނާ ބެހޭ އެކި ކަންކަމަށް ޚަރަދުކުރުމަށް ދެމެހެއްޓެނިވި ގޮތަކަށް ފައިސާ ލިބޭނެ ގޮތް ހެދުމަށްޓަކައި މާލޭގައި ޤުރުއާނަށް ޚާއްސަ ވަޤުފު އިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތް މިއހަރު ފަށާނެކަމަށެވެ. ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރަތް ހިންގުމުގެ ހުރިހާ ޚަރަދެއް ސަރުކާރުން ކުރަން ނިންމާ ވަނަވަނައަށް އަންނަ ފަރާތްތަކަށް ދެމުން އައި އިނާމް ދެގުނަ ކުރުމުގެ މަސައްކަތުގެ ތެރެއިން މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތައް ބޭނުން ދާއިރާއަކުން ޕީއެޗްޑީއަށް ކިޔެވުމަށް ސޮކޮލަޝިޕްދޭން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޤުރުއާން ކިޔަވައިދޭން މުދައްރިސުން އިތުރުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.