ޚަބަރު

ތަރައްޤީގެ ޔަގީންކަމާއި މިނިވަންކަމުގެ އިން ފަވާލި ފުރިހަމަ ބަޔާނެއް


  • ރައީސް އިއްވެވީ ގައުމުގެ މުސްތަގުބަލު ބައްޓަންކުރާނެ ވަރުގަދަ މަގުޗާޓެއް

  • އެކި ދާއިރާތަކުން ކުރިއެރުމާއި ތަރައްގީ ގެނައުމުގެ ތަފްސީލީ ވާހަކަތައް ވިދާޅުވެދެއްވި

  • ފާގަތި މުސްތަގްބަލެއްގެ ޔަގީންކަން އެރުވި

ވޭތުވެދިޔަ އަހަރުތަކުގައި ރިޔާސީ ބަޔާން އިއްވާ ޖަލްސާ ވެފައިވަނީ ރައްޔިތުންނާއި މާބޮޑު ގުޅުމެއް ނެތް، ގައުމު ބޮޑުން އެއްވާ ޝާހީ ރަސްމިއްޔާތަކަށެވެ. އަދި މީގެކުރީ ދައުރުތަކުގައި ރައްޔިތުންނަށް އިވިގެންދިޔަ ރިޔާސީ ބަޔާންތަކަކީ ހަމައެކަނި ކުރެވުނު ކަންކަމުގެ ތަފުސީލާއި، ކުރަން ރޭވިފައިވާ ކަންކަމުގެ ފޫހި ޔައުމިއްޔާއެކެވެ. އެކަންކަމާއި ހުރެ ރައްޔިތުންގެ މާބޮޑު ސަމާލުކަމެއް ރިޔާސީ ބަޔާނަށް ނޯވެއޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ނަމަވެސް މިއަދު އެ ސަގާފަތް ބަދަލުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައިދެއްވުމުގެ ގޮތުން އިއްވަވައިދެއްވި ރިޔާސީ ބަޔާނަކީ މީގެކުރިން ދިވެހި ރައްޔިތުންނަށް އިވިގެންދިޔަ ރިޔާސީ ބަޔާންތަކާއި އެތައް ގޮތަކުން ތަފާތު ރިޔާސީ ބަޔާނެކެވެ. ރައީސްގެ ރިޔާސީ ބަޔާނުން އިވިގެންދިޔައީ މުޅިން ތަފާތު އަޑެކެވެ. އެއީ ޔަގީންކަމުގެ އަޑެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވީ ހަމައެކަނި ބަޔާނެއް ނޫނެވެ. އެއީ ގައުމުގެ މުސްތަގުބަލު ބައްޓަންކުރާނެ ވަރުގަދަ މަގު ޗާޓެކެވެ. އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ ގައުމުގެ މުއްސަނދިކަމަކީ ހަމައެކަނި މަދު ބައެއްގެ އެއްޗެއް ކަމަށް ގަބޫލުކުރެވިފައި އޮތް އޮތުން ބަދަލުކޮށްލާނެ ފަދަ އިންގިލާބީ ތަަަސައްވުރަކާއެކުގައެވެ. ކުރީ އަހަރުތަކުގައި އިގްތިސާދީ ނުތަނަވަސްކަމުގެ ވާހަކަ ދެކެވުނު ނަމަވެސް، ރައީސް މިއަދު އިއުލާނު ކުރެއްވީ ތާރީޚީ ކާމިޔާބީއެކެވެ.

ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 1.13 ބިލިޔަން ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ މަތީ މިންވަރެވެ. ކުރީގެ ދަރަނިތަކުގެ ބުރައިން ގައުމު ސަލާމަތްކުރައްވަމުން، އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާގެ ބިލުތައް މިހާރު ވަނީ ޚަލާސްކޮށްދެއްވާފައެވެ. މިއީ ހަމައެކަނި ހިސާބުތަކެއް ނޫނެވެ. މިއީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދިރުމެވެ. އަދި ރާއްޖެ ބަނގުރޫޓް ވަނީ ކަމަށްބުނެ ދައްކާ ނުރައްކާތެރި ވާހަކަތަކުގެ އަސްލެއް ނެތްކަން ހާމަކޮށްދޭ ކިތާބީ ހެކިތަކެވެ.

ރިޔާސީ ބަޔާނުން ރައްޔިތުންނަށް އިވިގެންދިޔަ އެންމެ އުންމީދީ ވާހަކަފުޅަކީ ފަތުރުވެރިކަމުގެ މިލްކުވެރިކަން ރައްޔިތުންނަށް ދިނުމުގެ ވައުދެވެ. ސަރުކާރުން ތަރައްގީކުރާ 10 ރިސޯޓެއްގެ ހިއްސާދާރަކަށް ކޮންމެ ދިވެހި ރައްޔިތަކު ވާނެއެވެ. 2030 ވަނަ އަހަރާ ހަމައަށްދާއިރު، މި ރިސޯޓުތަކުގެ ފައިދާ ސީދާ ރައްޔިތުންގެ ބޭންކު އެކައުންޓަށް ބޭރު ފައިސާއިން ޖަމާވާނެއެވެ. ފަތުރުވެރިކަމަކީ ހަމައެކަނި ދުރުން ފެންނަ މަންޒަރަކަށް ނުވެ، އެއީ ކޮންމެ ދިވެއްސެއްގެ ޖީބަށް ވަންނަ އާމްދަނީއަކަށް މިވަނީ ވެފައެވެ. މިއަދުގެ ބަޔާނަކީ މާޒީގެ ރިޕޯޓެއް ނޫނެވެ. އެއީ އުންމީދުތައް ހަގީގަތަކަށްވެ، ރާއްޖޭގެ މިލްކުވެރިކަން ހަގީގީ މާނައިގައި ރައްޔިތުންނަށް ލިބިދޭނެކަމުގެ ދައުވަތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު އަލިއަޅުއްވާނުލައްވައި އެއްވެސް ދާއިރާއެއް ނެތްއިރު، ކޮންމެ ދާއިރާއަކުންވެސް އެމަނިކުފާނު ވަނީ ރައްޔިތުންނަށް ފައިދާވާނެ ތަރައްގީގެ މަގު ޗާޓުތަކެއް ހިއްސާކުރައްވަފާއެވެ. ދީނާއި ގައުމިއްޔަތު، އުމްރާނީ ތަރައްގީއާއި ދެމެހެއްޓެނި ތަރައްގީ، އިގްތިސާދީ ކުރިއެރުމާއި މާލީ ރޭވުންތެރިކަން، ބޯހިޔާވަހިކަމާއި ސިއްހަތު، މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަން، ކުޅިވަރާއި ހަށިހެޔޮކަން، ތައުލީމާއި ތަމްރީންގެ އިތުރުން ސަރުކާރަކުން ކޮށްދޭންޖެހޭ ހުރިހާ ކަމަކަށް ރައީސްގެ ދުރުރާސްތާގެ އަދި މެދު ރަސްތާގެ ތަސައްވުރުތަކާއި މަޝްރޫއުތައް އިއުލާންކުރެއްވިިއެވެ. ހަމައެކަނި ވައުދުތަކެއް ނޫނެވެ. އެ ވައުދުތައް ހަގީގަތަކަށް ހައްދަވާނެ ގޮތުގެ މަގު ޗާޓުތަކާއި، އެ ވައުދުތަކުން ރައްޔިތުންނަށް ލިބެނޭ ސީދާ ނަފާ ނަމްބަރުތަކުން ރައީސް ވިދާޅުވެދެއްވިއެވެ.

އިގްތިސާދީ ކުރިއެރުމާއި މާލީގޮތުން ފުދުންތެރި ބަޔަކަށް ރައްޔިތުން ހެދުމުގެ އިތުރުން، ރައީސްގެ ރިޔާސީ ބަޔާނުގައި ގައުމިއްޔަތާއި މިނިވަންކަމާއި އިސްތިގުލާއި ސިޔާދަތަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތުކަން ވަރަށް ބޮޑަށް ހާމަކޮށްދެއްވިއެވެ. އެމަނިކުފާނުގެ ބަސްފުޅުން ހާމަވީ ތިމާގެ ބިމާއި ކަރާމާތަށް އެއްވެސް އުނިކަމެއް އައުމަށް ފުރުސަތު ނުދޭނެ ލީޑަރެއްގެ ބަސްތަކުގައި ހުންނަންޖެހޭ ވަރުގަދަ ބަރުދަނެވެ. ރައީސް ޑރ. މުއިއްޒު ދެއްވީ ސާފު މެސެޖެކެވެ. އެއީ ރާއްޖޭގެ އައިޑެންޓިޓީއާއި މުސްތަގުބަލު ރައްކާތެރިކުރުމުގެ މެސެޖެވެ. "ދިވެހި ފަސްގަނޑުން ވެލިފުކެއްގެ މިންވަރު، އަދި ކަނޑުގެ ސަރަހައްދުން އެންމެ އިންޗިއެއްވެސް ދޫނުކުރައްވާނެ" ކަމުގެ ވަރުގަދަ ގައުމީ މެސެޖެވެ.

ސިޔާދަތަކީ ހަމައެކަނި ބޯޑަރު ބެލެހެއްޓުމެއް ނޫނެވެ. އެއީ އަޚުލާގީ އަދި ދީނީ ގޮތުން ސާބިތުވެ ތިބުމެވެ. އެކަން ރައިސްގެ ރިޔާސީ ބަޔާނުން ސާބިތުކޮށްދެއްވިކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ. މީގެކުރިން ރިޔާސީ ބަޔާންތަކަކީ އެއް ތައްގަނޑަކަށް އޮންނަ ރިޕޯޓުތަކެކެވެ. ނަމަވެސް މިފަހަރު ފެނިގެންދިޔައީ ގައުމުގެ ވަލިއްޔުލް އަމްރުގެ ހަރުދަނާކަމެވެ. ރައީސް މުއިއްޒުގެ ބަޔާނަކީ ދަރަންޏާއި އެހެނިހެން ނުރައްކާތަކުން ގައުމު މިނިވަންވިކަމުގެ އިއުލާނެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އުއްމީދީ ރިޔާސީ ބަޔާނާއެކު މިއަދު ދިވެހި އުދަރެހަށް ބަލާލާއިރު ރައްޔިތުންނަށް ފެންނާނީ ހަމައެކަނި އިރުއޮއްސޭ މަންޒަރެއް ނޫނެވެ. އެ ރައްޔިތުންނަށް ފެންނާނީ އާ އުންމީދުތަކަކާއެކު މާ އުޖާލާ، އެހާމެ ފާގަތި ފަތިހަކަށް ދިވެހީންގެ މިރާއްޖެ އަލިވީލޭ އުފާވެެރި މަންޒަރެވެ.