ފަސްވަނަ ފަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޝީލްޑް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން އުފުލާލައިފި. މިއީ ލިބުނު ބޮޑު ޝަރަފެއް ކަމަށާއި ދެވަނަ ބުރުން ފެށިގެން ލީގުގެ ހުރިހާ ކުލަބަކުންވެސް ބޮޑު ކުރިއެރުމެއް ހޯދިކަމީ ލިބޭ އުފަލެއް ކަމަށް މާޒިޔާގެ ކޯޗު ލުއިޒްމާ ހެނާންޑޭޒް ބުނެފިއެވެ.
ހެނާޒްޑޭޒް ބުނީ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބަކުންވެސް ބޮޑު ކުރިއެރުންތަކެއް ހޯދައިފިކަމަށާއި، އެކެމަށް ހުރިހާ ކުލަބަކަށްވެސް މަރުހަބާކިޔާކަމަށެވެ.
ލީގުގެ ފަހު މެޗު ވާދަވެރި ކުޅުމަކަށް ފަހު މާޒިޔާއިން ވަނީ 1-0 ގެ ނަތީޖާއަކު އޮޑި ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ. މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ހެނާންޑޭޒް ބުނީ ލީގު ނިންމާލިއިރު ޤައުމީ ޓީމުގެ ކުޅުންތެރިންވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފިކަމަށެވެ.
ޤައުމީ ލެވެލްގެ ފުޓުބޯޅައަށް ލީގުން ލިބުނު ކުރިއެރުމަކީ އޭނާއަށް ލިބޭ ނުހަނު ބޮޑު އުފަލެއް ކަމަށް، މާޒިޔާގެ ކޯޗު ބުންޏެވެ.
ލީގުގައި މާޒިޔާއިން ދެއްކި މޮޅުކުޅުމާއި އަދި ޖެހިޖެހިގެން 5 ވަނަ ފަހަރަށް ޝީލްޑް އުފުލާލުމަކީ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން އަދި މެނޭޖްމެންޓުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ކޯޗު ފާހަގަކުރިއެވެ.
ކޯޗު އިތުރަށް ބުނީ ހުރިހާ ކުޅުންތެރިން ވެސް ވަނީ، ލީގުގައި މޮޅު ކުޅުމެއް ދައްކައި، ފެންވަރު މަތިކޮށްފަކަމަށެވެ. އަދި ޓީމުގެ ހުރިހާ ކުޅުންތެރިންގެ މަސައްކަތާމެދުވެސް ފަހުރުވެރިވާކަމަށް ކޯޗު ބުންޏެވެ. މާޒިޔާގެ ކުޅުންތެރިންނާއި ގައުމީ ޓީމުގެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމުގެ ޒިންމާވެސް އެބައޮތް ކަމަށާއި، މަސައްކަތް ކުރާނީ އެއް ދުވަހުން އަނެއް ދުވަހަށް ކުޅުންތެރިންގެ ފެންވަރުމަތިކޮށްދިނުމަށް ކަމަށްވެސް ހެނާންޑޭޒް ފާހަގަކުރިއެވެ.
ކޯޗު ހެނާންޑޭޒް ވަނީ މާޒިޔާއިން ސީޒަނުގެ ދެން އޮތް ބްރޭކަށްފަހު ކުރިމަތިލާނެ މެޗުތަކަށް ހުރިހާ ކުޅުންތެރިންނަށް ކާމިޔާބީއަށް އެދިފައެވެ.