އައްޑޫ ސިޓީގައި ޤާއިމުކުރި ސަރުކާރު އައިނު ފިހާރައާއި ކެތު ލެބް ރަސްމީކޮށް ހުޅުވައިފިއެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި އޮތް ހާއްސަ ރަސްމިއްޔާތުގައި ފިހާރަ ހުޅުވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމްއާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރް އަހުމަދު ވަނީ ބައިވެރިވެފައެވެ.
މިއީ އަތޮޅުތެރޭގައި ޤާއިމުކުރި ފުރަތަމަ އައިނު ފިހާރައާއި ކެތު ލެބެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ އައްޑޫގައި ޤާއިމުވެގެންދިޔަ ކެތު ލެބްގެ ޚިދުމަތަކީ އައްޑޫސިޓީގެ އިތުރުން މުޅި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން ހިތުގެ ބަލިތަކަށް ފަރުވާކުރުމަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރެވިގެންދާނެ ކަމަށެވެ.
އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގައި އޭއީއެޗްގައި ނެހެދޭ ބައެއް ޓެސްޓުތަކުގެ ސާންޕަލްތައް ނަގައި މާލޭގެ ބައެއް ޕްރައިވެޓް ލެބޯޓަރީތަކަށް ފޮނުވުމާއި ބައެއް ޓެސްޓުތަށް ހެދުމަށް ސާމްޕަލް ފޮނުވާއިރު އާންމުންގެ އަތުން ކޯ ޕޭމަންޓެއް ނަގަމުން ދާތީ އެކަމަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން މި ޓެސްޓުތަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ފޮނުވޭނެ އިންތިޒާމުތައް ކަމަށައި ގުޅޭ މުވައްސަސާތަކާއި ގުޅޭ ގުޅިގެން ދަނީ ކުރަމުންނެއެވެ. އެގޮތުން ވަރަށް އަވަހަށް އެކަންވެސް ވެގެންދާނެކަމަށް ހަލީމް ވިދާޅުވިއެވެ.
އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ކެތު ލެބްގެ އިތުރުން އައްޑޫގައި ޤާއިމުވެގެންދިޔަ އައިނު ފިހާރައަކީވެސް އެމްސީޖީއެޗްއާއި އޭއީއެެޗްއާއި ގުޅިގެން ކުރެވުނު މުހިންމު މަސައްކަތެއްކަމަށެވެ. މާލޭގައި ޤާއިމުކޮށްފައިވާ ސަރުކާރުގެ އައިނު ފިހާރަތަކަށް އަލިއަޅުއްވާލައްވާ އޭނާ ވިދާޅުވީ މާލޭގައި ޤާއިމްކޮށްފައިވާ އައިނު ފިހާރަތަކުގެ ސަބަބުން ރައްޔިތުން އައިނު ހެއްދުމަށް ދިމާވަމުންދިޔަ މާލީ ގޮންޖެހުންތަކަށް ވަނީ ލުޔެއް ލިބިގެންގޮސްފައެވެ.
"މާލޭ އައިނު ފިހާރަ ހުޅުވިތާ ދެމަސް ދުވަސް ތެރޭގައި ދުވާލަކު 100 މީހަކު ހިދުމަތް ހޯދަމުން ދިޔަކަމަށް އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވުއެވެ. އަދި މިހާރު ދުވާލަކު 40އަށް ވުރެއް ގިނަ މީހުން ޙިދުމަތް ހޯދަމުން އަޅުގަނޑުމެންގެ ތަފާސްހިބުތަކުން ދައްކައި. އެގޮތުން އެމްސީޖީއެޗް އޮޕްޓިކަލްސްއިން މިހާތަނަށް 12988 ފަރާތަކަށް ވަނީ ހިދުމަތް ފޯރުކޮށްދީފައި. މީގެ ތެރެއިން 12056 ފަރާތަކަށް ސަރުކާރުގެ ހަރަދުގައި އައިނު ހައްދާ ވަނީ ފޯރުކޮށްދީފައި" ހަލީމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކެތު ލެބްގެ ކަންކަން ބަލަހައްޓާއި ހިނގުމާއި އައިނު ފިހާރައާއި ގުޅުންހުރި ކަންކަން ބެލެހެއްޓުމަށް އައިޖީއެމްއެޗްއާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި ދެމެދުވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.