އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސަންޑަލޭންޑް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށްފި އެވެ.
މި މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 25 މެޗުން ލިބިފައިވާ 56 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އެއް މެޗު މަދުން ކުޅެގެން އެ ޓީމަށް ލިބިފައިވަނީ 47 ޕޮއިންޓެވެ. މިއަދު ސިޓީ ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ މި ފަރަގު ހަ ޕޮއިންޓަށް ކުޑަވެގެންދާނެ އެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި އާސެނަލް އިން ލީޑު ނަގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ލިއަންދްރޯ ޓްރޮސާޑް ދިން ޕާހަކުން މާޓިން ޒުބިމެންޑީ އެވެ.
ސަންޑަލޭންޑާއި ދެކޮޅަށް އާސެނަލް ނިކުތްއިރު އެ ޓީމުގެ ކޯޗު މިކޭލް އާޓޭޓާގެ ސްކޮޑުގައި ބުކަޔޯ ސަކާ އާއި މާޓިން އޮޑެގާޑް ހިމަނާފައެއް ނުވެއެވެ.
އާސެނަލް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 66 ވަނަ މިނިޓުގައި ކައި ހަވަޓްޒްގެ އެސިސްޓަކުން ވިކްޓަރ ގިޔޮކޯރެސް ކާމިޔާބުކޮށްދިންއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ގިޔޮކޯރެސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް އާއި އެންމެ ގާތުން ވާދަކުރާ އެސްޓަން ވިލާ ރޭ ބޯންމަތު އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފަ އެވެ.
އެހެންކަމުން އެސްޓަން ވިލާ އަށްވެސް ލީގުގައި މިހާތަނަށް ކުޅުނު 25 މެޗުން ލިބިފައިވާ 47 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ.