ޚަބަރު

މާލެ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހަދަން ފަށައިފި


  • 25 މީޓަރު ދިގު 6 މީޓަރު ފުޅާ 3 ޖެޓީ

  • 15 މީޓަރު ދިގު 6 މީޓަރު ފުޅާ 3 ޖެޓީ

މާލެ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރުއޫގެ ދަށުން 25 މީޓަރުގެ ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހަދާނެއެވެ. މި މަޝްރޫއަކީ، 18.98 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީއިން ވިދާޅުވީ، މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު މި ޖެޓީތައް ބޭނުންކުރާ އާންމު ރައްޔިތުންނާއި ދަތުރުވެރިންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިގޮތުން ބަނދަރުގައި ތޮއްޖެހުން ކުޑަވެ އަދި ބޭރުގައި އޮންނަ ލޯންޗަކަށް އަރާ، މަގަތުގައި ހުންނަ ލޯންޗުން އަނެއް ލޯންޗަށް އަރައިގެން އުފުލާން ޖެހޭ ތަކުލީފާއި އުނދަގޫތައްވެސް ނިމުމަކަށް އަންނާނެއެވެ.

މިއީ، ކުޑަކުދިންނާއި އިސްރަށްވެހިންނާއި ލަގެޖު ހިފައިގެން ދަތުރު ކުރާ ފަރާތްތަކަށްވެސް ބޮޑު ލުއިފަސޭހައަކަށް ވާނެކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ.

މިގޮތުން ޖެޓީތައް ހެދުމުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށްވެސް އިތުރު ޖާގަ ލިބި، ގިނަ އުޅަނދުތަކަކަށް އެއްފަހަރާއި ޖެޓީއާއި ކައިރި ކުރުމުގެ ފުރުސަތު ލިބޭނެއެވެ. ނަތީޖާއެއްގެ ގޮތުން ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އަރައި ފައިބާ ދަތުރުވެރިންނަށްވެސް އިތުރު ރައްކާތެރިކަން ލިބިގެންދާނެއެވެ.