އެހެން ޓީމުތަކަށް ސައޫދީ ޕަބްލިކް އިންވެސްޓްމަންޓުން އިސްކަންދޭ ކަމަށް ބުނެ އައް ނަސްރުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އިހްތިޖާޖު ކުރަމުންދާއިރު އޭނާގެ ދިފާއުގައި އެ ކުލަބުގެ ސަޕޯޓަރުން ތެދުވެއްޖެ އެވެ.
ރޮނާލްޑޯ ވަނީ ސައޫދީ ޕްރޯ ލީގުގައި އައް ނަސްރުގ އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް ކުޅެން ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ސަޕޯޓަރުން ވަނީ އަލް އިއްތިފާގާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ހަތް ނަންބަރު ދައްކުވައިދޭ ކަރުދާސްތަކެއް ހިފައިގެން ތިބެ ތަރުހީބުދީފަ އެވެ. އަދި މެޗުގެ ހަތް ވަނަ މިނިޓްގައި އަޑުހަރުކޮށް އޭނާގެ ނަމުން ވެސް ގޮވާފައިވެ އެވެ.
މިކަން މި ހިނގީ މީގެ ދެ ހަފުތާ ކުރިން ސަޕޯޓަރުން ވަރަށް ބޮޑަށް ރޮނާލްޑޯ އަށް މަލާމާތް ކޮށްފައިވަނިކޮށެވެ. އޭނާގެ ކުލަބުގެ ސަޕޯޓަރުން ރޮނާލްޑޯ އަށް މަލާމާތް ކުރީ 2023 ވަނަ އަހަރު އޭނާ އެ ކުލަބާ ގުޅުނު ފަހުން މިހާތަނަށް ތައްޓެއް ލިބިފައިނުވާތީ އެވެ. ރޮނާލްޑޯއާ ދިމާކޮށް ބައެއް ސަޕޯޓަރުން ވަނީ އޭނާގެ އެންމެ ވާދަވެރި ކުޅުންތެރިޔާ އާޖެންޓީނާގެ ލަޔޮނަލް މެސީ އަށް ގޮވައި ތަރުހީބުދީފަ އެވެ. ރޮނާލްޑޯ އިހްތިޖާޖު ފެށީ ސަޕޯޓަރުން ހިތްހަމަ ނުޖެހުނު މި މެޗަށް ފަހު އެވެ. އޭނާ ފުރަތަމަ ނުކުޅުނީ އައް ރިޔާދް އަތުން ހުސްވި ހަފުތާގައި މޮޅުވި މެޗުގަ އެވެ.
ރޮނާލްޑޯ އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނީ ވާދަވެރި އަލް ހިލާލަށް އަލް އިއްތިފާގަށް ކުޅެމުން އައި ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ކަރީމް ބެންޒެމާ ގަތުމުންނެވެ. އަލް ހިލާލް އާއި އައް ނަސްރަކީ ވަރަށް ވާދަވެރި ދެ ޓީމެވެ. ލީގުގެ އެންމެ ކުރީގައި ވަނީ ވެސް މި ދެޓީމެވެ. ރޮނާލްޑޯގެ ޓީމު އޮތީ ދެ ވަނާގަ އެވެ.
ބެންޒެމާ ހިލާލް އަށް ގެންދިޔައިރު ޓްރާންސްފާ މާކެޓުގައި އައް ނަސްރުން ކުޅުންތެރިއަކު ނުގަނެ އެވެ. ރޮނާލްޑޯ ދެކޭ ގޮތުގައި މިއީ ސައޫދީ ޕަބްލިކް އިންވެންޓްމަންޓުން ހިންގާ ދެ ކުލަބުގެ މެދުގައި ތަފާތު ކުރުމެވެ. އަދި ބެންޒެމާގެ ޓްރާންސްފާ އަކީ ދެ ޓީމުގެ ހަމަހަމަކަން ނެތިގޮސް އެއް ޓީމު މާބޮޑަށް ވަރުގަދަ ވުމެވެ.
މިހެންވެ އޭނާ އިހްތިޖާޖު ފެށީ ބެންޒެމާގެ ޓްރާންސްފާ ހުއްޓުވުމަށެވެ. އެކަމަކު މިކަން ކާމިޔާބު ނުވެ އަލްހިލާލްއިން ވަނީ ރޮނާލްޑޯ އާއި އައް ނަސްރަށް ވެސް ބަހުގެ ހަމަލާތައް އަމާޒުކޮށްފަ އެވެ. އެ ކުލަބުގެ ސީއީއޯ އެސްތަވޭ ކަލްޒާޑާ ވިދާޅުވީ އައް ނަސްރާމެދު ވިސްނާނީ އެކުލަބުން އަމިއްލަ އަށް ކަމަށެވެ.
"މިއީ ދެ ޓީމު ތަފާތު ކުރުން ކަމަށް ނުބެލެވޭ. އަހަރުމެންނަށްވުރެ މާގިނަ ކުޅުންތެރިން އެ މީހުން ވަނީ މީގެ ކުރިން ވެސް ގަނެފައި. ދެ ޓީމަށް (ސައޫދީ ޕަބްލިކް އިންވެންޓްމަންޓުން) ކުރި ހޭދައަށް ބަލާއިރު އެ މީހުންނަށް ކުރި ހޭދަ ގިނަ ވާނެ. ރޮނާލްޑޯ ރުޅި އައިސްގެން އުޅޭ ސަބަބުން އޭނާ ކުރެން (ނޫސްވެރިން) އޮޅުން ފިލުވަން ޖެހޭނީ،" ސީއީއޯ ވިދާޅުވި އެވެ.
ސައޫދީ ޕަބްލިކް އިންވެންޓްމަންޓުގެ 75 ޕަސެންޓް ހިއްސާ އޮންނަ ދެ ކުލަބުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރޮނާލްޑޯ ގުޅުނު ފަހުން އަލް ނަސްރުން ކުޅުންތެރިން ގަތުމަށް ހޭދަކޮށްފައިވަނީ 409 މިލިއަން ޑޮލަރެވެ. މީގެ ބަދަލުގައި ފާއިރުވެދިޔަ ދެ ސީޒަނުގައި އަލް ހިލާލް ވަނީ 600 މިލިއަން ޑޮލަރަށްވުރެ ގިނައިން ހޭދަކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޓީމު ވަރުގަދަ ކުރުމަށް ސައޫދީ ޕަބްލިކް އިންވެންޓްމަންޓުން އެއްބާރުލުން ދޭން އެއްބަސް ނުވާނަމަ މި ސީޒަނަށް ފަހު ރޮނާލްޑޯ ޓީމު ދޫކޮށްލުން ވަރަށް ގާތެވެ.
އުމުރުން މިހާރު 41 އަހަރުގެ ކުޅުންތެރިޔާ އައް ނަސްރާ ގުޅުނީ 2023 ވަނަ އަހަރު އެވެ. އޭނާގެ ކުލަބުގެ ސީއީއޯ ވިދާޅުވީ ޔޫރަޕުން ކުޅުންތެރިން ގެނެވެން ނެތް ކަމަށާއި ހަރަދު ކުޑަކުރަން ޖެހިފައިވާ ކަމަށެވެ.