މާޒިޔާގެ ކާމިޔާބީގެ އަސްލަކީ ރޭވުންތެރި މެނޭޖްމެންޓަކާއި ސްޕޮންސަރުންނާއި ސަޕޯޓަރުންނާއި ކުޅުންތެރިން ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ މެނޭޖަރ އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
ފާއިތުވި ފަސް އަހަރުގެ ދިވެހި ޕްރމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ބޯޑުގެ ވައިސް ޗެއާމަން ކަންވެސް އަދާކުރަމުންދާ ވަހީދު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ އަޑިއަޅާލި ވަގުތުވެސް މާޒިޔާއިން މަސައްކަތް ކުރީ މާޒިޔާގެ ގޮތުގައި ޓީމު ބިނާކުރުމަށް ކަމަށެވެ.
"ދެން އޭގެ ހެއްކެއްކަން ނޭންގެ ހަތަރު އަހަރު މިވީ އަޅުގަނޑުމެން ލީގުގައި މެޗެއްގައި ބަލިނުވާތާ. މީ އަނެއްކާ ޖެހިޖެހިގެން ފަސްވަނަ އަހަރު މި ތަށި މި ނެގުނީ. ބުނާނީ ހަމަ މީ މީގެ ފަހަތުގައި ކުރެވުނު މަސައްކަތޭ މީގެ ފަހަރުގައި މިތީބީ އަޅުގަނޑުމެންގެ ސަޕޯޓަރުންނާއި އަޅުގަނޑުމެންގެ ސްޕޮންސަރުން. ދެން ކުޅުންތެރިންގެ މަސައްކަތް" ކަމަށް ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ރާއްޖޭގެ ފުޓްބޯޅަ މަޑުމަޑުން މިދަނީއަސްލު އޮންނަންވާ ލެވެލަށް ކަމަށާއި، މި ގޮތަށް ވާދަވެރި މެޗުތަކެއް ކުޅެވޭ ކަމަށްވަނަމަ ދިވެހި ފުޓްބޯޅަ ދާނީ ކުރިޔަށް ކަމަށް ވަހީދު ވިދާޅުވިއެވެ.
"މި ގޮތަށް ކޮމްޕެޓިޓިވް ގޭމުތަކެއް ކުޅެވޭކަމަށްވާނަމަ އަޅުގަނޑުމެންގެ ލެވެލް އަރާނެ. ހަމަ ޔަގީނުންވެސް މި ސަރަހައްދުގެ އެހެން ގައުމުތަކާއި އަޅުގަނޑުމެންނަށްވާދަ ކުރެވޭނެ" ކަމަށް ވަހީދު ބުންޏެވެ.
ވަހީދު ބުނީ އެ ކުލަބު ކުރިޔަށް ގެންދަނީ މެނޭޖުމެންޓުން ވަރަށް ބޮޑަތި ރޭވުންތަކެއް ރާވައިގެން ކަމަށެވެ. އަދި ކުލަބުގެ މެނޭޖުމެންޓުގައި ތިބީ ފުޓްބޯޅައިގެ ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައި ތިބި މީހުން ކަމަށެވެ. އަދި ކުޅުންތެރިންގެ ސިއްހަތާއި ބުންވަރަށް ވަރަށް ބޮޑަށް އިސްކަންދީގެން ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
"އަސްލު އަޅުގަނޑުމެން ކުޅުންތެރިންގެ ސިއްހަތަށާއި އެކުދިންގެ ފިޒިކްސްއަށް ވަރަށް ބޮޑަށް ބަލައިގެން ސްޕޮންސަރެއްގެ އެހީގައި ކުޅުންތެރިންނަށް ޖިމްގެ ހިދުމަތާއި އެހެނިހެން ކަންކަމަށްވެސް ޕާޓްނަރުން ހޯދައިގެން އެ ފަރާތްތަކުގެ އެހީތެރިކަމާއެކުގައި ކުޅުންތެރިން ބިލްޑް ކުރަމުން" އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިވަގުތު މާޒިޔާގައި އެބަތިބި 20 އަހަރުން ދަށުގެ 10 ކުޅުންތެރިން ގައުމީ ޓީމު ލެވެލްގެ. މިސްޓް ސްކޮޑެއް މިއޮތީ މިހާރު ޒުވާން ކުޅުންތެރިން މިހާރު މިތިބީ މި ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިންނޭ އަޅުގަނޑު ދަންނަވާނީ" ވިދާޅުވިއެވެ.