ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، "ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވައިފި


  • ޤަޟާއީ އަހަރު ފަށަނީ ޝަރުޢީ ދާއިރާގެ އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައެޅުމަށް

  • ފަނޑިޔާރުން ތަކްރީމުކުރެއްވުން ކުރިއަށް ގެންދިޔަ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވައިފިއެވެ. އެމަނިކުފާނު "ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

ޤަޟާޢީ އަހަރު އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތަކީ، އައު ޤަޟާޢީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެއްވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުޢީ ގޮތުންނާއި، އިދާރީގޮތުން ޝަރުޢީ ދާއިރާ ހަރުދަނާކުރެއްވުމަށްޓަކައި އައު ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ބާއްވާ އިޙްތިފާލެކެވެ.

ޤަޟާޢީ އަހަރު އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތުގައި، ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރުން ވަނީ ތަކްރީމުކުރައްވާފައެވެ. އަދި ޝަރުޢީ ދާއިރާއަށް އެކި ރޮނގުތަކުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކޮށް، ޝަރުޢީ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަނޑިޔާރުންނާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަދާނީ ފިލާ ވަނީ ހަވާލުކޮށްފައެވެ.

އަދި މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ޤަޟާޢީ ބަޔާން އިއްވަވާފައެވެ. ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ޕްރޮގްރާމްގެ ގޮތުގައި 2021 ވަނަ އަހަރު ފިޔަވައި ފާއިތުވި 9 އަހަރު ވެސް ވަނީ ޚާއްޞަ ޙަރަކާތްތަކެއް ކުރިޔަށް ގެންދަވާފައެވެ.