ތައިލެންޑުގެ ބޮޑުވަޒީރު ކަމުގެ މަޤާމު ވަގުތީ ގޮތުުން ފުރުއްވަމުން ގެންދަވާ އަނޫޓީން ޗާންވީރަކޫންގެ ޕޫމްޗައިތާއީ ޕާޓީން އެ ޤައުމުގެ ޢާންމު އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދައި، ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ. ފެބުރުވަރީ 8ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި %94 ވޯޓުފޮށީގެ ނަތީޖާ އިޢުލާނު ކޮށްފައިވާއިރު، ވެރިކަން ކުރާ ޕޫމްޗައިތާއީ ޕާޓީން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 500 ދާޢިރާގެ ތެރެއިން 193 ގޮނޑި ކަށަވަރު ކޮށްފައެވެ.
އިންތިޚާބުގައި އަނޫޓީންގެ ޕާޓީއަށް ކާމިޔާބީ ލިބިފައިވާ ކަން ކަށަވަރުވުމާ އެކު، ތައިލެންޑްގެ ހިއްސާގެ ބާޒާރުގައި އަގުތައް ވަނީ %3 އުފުލިފައެވެ. މިއީ، އަނޫޓީންގެ ވެރިކަމުގައި ތައިލެންޑުގައި ސުލްޙައާއި ހަމަޖެހުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އޮތުމާއި، އިޤުތިޞާދަށް ވުނޭރުންގެ އިތުބާރު ބޮޑުވުމުގެ އިޝާރާތެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
އިންތިޚާބުގައި އަނޫޓީންގެ ޕޫމްޗައިތާއީ ޕާޓީއާ އެންމެ ގާތުން ވާދަ ކޮށްފައި ވަނީ އިދިކޮޅު ޕީޕަލްސް ޕާޓީންނެވެ. އެ ޕާޓީން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 118 ދާއިރާއަކުން ކާމިޔާބީ ހޯދާފައެވެ. އިންތިޚާބުގައި އެ ޕާޓީން ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް އިންތިޚާބުގެ ކުރިން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއާ އެކު ބެލެވުނެވެ.
ނަމަވެސް، ޕޫމްޗައިތާއީ ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައި ވަނީ، ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ދާދިފަހުން ހިނގި ހަމަނުޖެހުންގަނޑާ އެކު އުފެދިގެން ދިޔަ ޤައުމިއްޔަތުގެ އޮއިވަރާއި ރޫހާ ގުޅިގެން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޕީޕަލްސް ޕާޓީގެ އިތުރުން ކުރީގެ ބޮޑުވަޒީރު ތަކްސިން ޗިނަވާތުގެ ފިޔު ތައި ޕާޓީން ވެސް ވަނީ 74 ދާއިރާއަކުން ކާމިޔާބީ ހޯދާފައެވެ.
އަނޫޓީން ވިދާޅުވީ، އޭނާ ބޭނުންފުޅު ވަނީ ވަރުގަދަ އަޣުލަބިއްޔަތެއް އޮތް ގުޅިފައިވާ ސަރުކާރެއް އެކުލަވައިލެއްވުމަށް ކަމުގައެވެ. އަދި، ޤައުމިއްޔަތުގެ ރޫހު އިތުރަށް ވަރުގަދަ ކުރައްވަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވެ، ކެމްބޯޑިޔާއާއި ތައިލެންޑް ގުޅޭ ސަރަޙައްދީ ރޮނގުގައި ފާރެއް ބިނާ ކުރައްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި، ތައިލެންޑުގެ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށް، ތައިލެންޑް-ކެމްބޯޑިޔާ ސަރަޙައްދީ ހުރަސްތައް ބަންދު ކޮށްފައި ބޭއްވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ފެބުރުވަރީ 8ވަނަ ދުވަހު، ތައިލެންޑްގެ ޤާނޫނުއަސާސީއަށް ބަދަލުގެނައުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ވެސް ވޯޓު ނަގާފައިވެއެވެ. އެ ވޯޓުގައި ބައިވެރިވި ގިނަ ބަޔަކު ވަނީ އެ ކަމަށް ތާޢީދު ކޮށްފައެވެ. ތައިލެންޑްގައި މިހާރު އަމަލު ކުރަމުންދާ ޤާނޫނު އަސާސީ ތަސްދީޤުކޮށްފައި ވަނީ 2017ވަނަ އަހަރުއެވެ. ނަމަވެސް، އައު ޤާނޫނުއަސާސީއެއް އެކުލަވައިލުމަށް މަދުވެގެން އިތުރު ދެ އަހަރު ހޭދަވާނެ ކަމުގައި ތައިލެންޑް މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އަދި، މި ކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ދެކޭ ގޮތް ބެލުމަށް އިތުރު ވޯޓުތައް ބާއްވަން ޖެހޭނެއެވެ.