ޕާކިސްތާން އާރމީ ޓީމް ސްޕިރިޓް މުބާރާތުގައި ދިވެހި ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސްއިން ރަން މެޑަލް ޙާސިލުކުރުމަކީ ދިވެހި އަސްކަރިއްޔާއަށާއި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ދިފާޢީ ބާރުން ހޯދި ކާމިޔާބީ ފާހަގަކޮށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، 16 ޤައުމަކުން 24 ޓީމު ވާދަކުރި މިމުބާރާތަކީ ޤައުމުތަކުގެ އަސްކަރިއްޔާގެ ހުނަރާއި ޤާބިލުކަން ދައްކާލާ މުބާރާތެއް ކަމަށެވެ. އެގޮތުން އަހަރަކު އެއްފަހަރު ބާއްވާ މިމުބާރާތަކީ އަސްކަރީ އަޚްލާޤާއި، ބައިވެރިންގެ ހިތްވަރާއި، ޢަޒުމް އަދި ބުންވަރާއި މެންޓަލް ފިޓްނަސްގެ އިތުރުން ޓީމުތަކުގެ ބަދަހި ގުޅުން ތަފާތު އެތައް އުނދަގޫ ޙާލަތްތަކުގައި ވަޒަން ކުރާ މުބާރާތެއް ކަމަށެވެ.
ޕާކިސްތާން އާރމީ ޓީމް ސްޕިރިޓް (ޕެޓްސް) މުބާރާތުގައި މިއަހަރު ވާދަކުރި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސް ގެ ޓީމުން ރަން މެޑަލް ޙާޞިލު ކުރުމަކީ ދިވެހި އަސްކަރިއްޔާ އަށާއި ދިވެހިރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް.
— Dr Mohamed Muizzu (@MMuizzu) February 9, 2026
16 ޤައުމަކުން 24 ޓީމު ބައިވެރިވި… pic.twitter.com/5HcN2PQk3f
އެހެންކަމުން މިމުބާރާތުގައި ދިވެހި އަސްކަރީ ޓީމުން ހޯދި ކާމިޔާބީއަކީ މުޅި ޤައުމީ ދިފާޢީ ބާރަށާއި ޤައުމަށްވެސް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކާމިޔާބީއާއި ގުޅިގެން އެމަނިކުފާނުވަނީ، ދިވެހި ސިފައިންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާ ޓީމުގެ ހުރިހާ މެމްބަރުންނަށްވެސް އައްސަރިބަހާ ސާބަސް ރައްދުކުރައްވާފައެވެ.
މިމަހުގެ 5 އިން 7 އަށް ޕާކިސްތާންގެ ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ، ޕަބިގައި ކުރިއަށްދިޔަ މި މުބާރާތުގައި ދިވެހި އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްގެ 15 ސިފައިންވަނީ ބައިވެރިވެފައެވެ.
ޕާކިސްތާން އަސްކަރިއްޔާއިން ކުރިއަށްގެންދާ "ޕެޓްސް ކޮމްޕެޓިޝަން" އަކީ، އަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގާ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ދިވެހި ސިފައިންގެ އަސްކަރީ ޤާބިލުކަން އިތުރުކޮށް އަސްކަރިއްޔާއަކީ ކުރިއަރަމުން އަންނަ ދުނިޔޭގެ އެންމެހާ ނުރައްކާތަކަކަށް ކެރިގެން ކުރިމަތިލެވޭނެ ފަދަ ޤާބިލު ފައުޖަކަށް ހެދުމަކީ، ރައީސުލްޖުމްހޫރިއްޔާގެ މުހިއްމު ސިޔާސަތެކެވެ. އެހެންކަމުން ޤައުމީ ދިފާޢީ ބާރަށް ބޭނުންވާ ވަޞީލަތްތައް ހަމަކުރުމާއި ސިފައިންނަށް ބޭނުންވާ ތަމްރީނުތައް ފަހިކުރުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.