ޚަބަރު

ޙަސީނާގެ ވެރިކަމަށް ފަހު ބަންގްލަދޭޝްގެ މިސްރާބު ޗައިނާއާ ދިމާއަށް


ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަން ނިމުމަކަށް އައި ފަހުން އެ ޤައުމުގެ މިސްރާބު ޗައިނާއާ ދިމާއަށް އަނބުރައިލާފައިވާ މަންޒަރު ފެންނަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ. ޙަސީނާގެ ވެރިކަން ވެއްޓުނު ފަހުން ފެބުރުވަރީ 12ވަނަ ދުވަހު ބަންގްލަދޭޝްގައި ފުރަތަމަ ފަހަރަށް ޢާންމު އިންތިޚާބެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އެ އިންތިޚާބުގައި ވާދަކުރާ ގިނަ ޕާޓީތަކުން ގެންގުޅެނީ އިންޑިޔާއާ ދުރު ސިޔާސަތުތަކެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ކުރިއަށް އޮތް އިންތިޚާބުގައި ޙަސީނާގެ އަވާމީ ލީގު ޕާޓީއަށް ވާދައެއް ނުކުރެވެއެވެ.

ޙަސީނާގެ ސަރުކާރު ވެއްޓުނީ، ޒުވާނުންގެ އެތަކެއް ހާސް ބަޔަކު އޭނާގެ ސަރުކާރާ ދެކޮޅަށް ތެދުވެ ކުރި މުޒާހަރާތަކާ ގުޅިގެންނެވެ. އެ މުޒާހަރާތައް ހުއްޓުވުމުގެ ނަމުގައި ފުލުހުން ބާރުގެ ބޭނުން ކުރުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި 1,400ށްވުރެ ގިނަ މީހުން މަރުވި ކަމުގައި އެކުވެރި ދައުލަތައް (އދ)ގެ ހިސާބުތަކުން ހާމަވެއެވެ. ނަމަވެސް، މުޒާހަރާތައް ކޮންޓުރޯލު ކުރުމަށް ކުރި މަސައްކަތްތައް ފޭލުވުމުން ޙަސީނާ ވަނީ އިސްތިޢުފާ ދެއްވައި، ފިއްލަވައިގެން އިންޑިޔާއަށް ވަޑައިގަންނަވާފައެވެ.

އެ މައްސަލައިގައި ޙަސީނާއަށް މަރުގެ އަދަބު ދިނުމަށް ބަންގްލަދޭޝްގެ ކޯޓަކުން ހުސްވި އަހަރު ޙުކުމް ކުރި
އެވެ. ނަމަވެސް، އޭނާ އަދިވެސް ހުންނެވީ އިންޑިޔާގައެވެ. އޭނާ އަނބުރައި ޤައުމަށް ފޮނުވައިދިނުމަށް ބަންގަލަދޭޝްގައި ވެރިކަން ކުރާ ވަގުތީ ސަރުކާރުން ނިއު ދެއްލީގައި އެދިފައިވީ ނަމަވެސް، އިންޑިޔާގެ ސަރުކާރުން އެ ކަމަށް އިންކާރު ކޮށްްފައިވާ ކަމުގައި ބަންގްލަދޭޝްގެ ގިނަ ރައްޔިތުން، ޚާއްޞަކޮށް ގިނަ ޒުވާނުން ޤަބޫލު ކުރެއެވެ.

ވޭތުވެދިޔަ ދަހަރެއްހާ ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔަކީ ޗައިނާއެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން، ޗައިނާއާއި ބަންގްލަދޭޝްއާ ދެމެދު ކުރާ ވިޔަފާރީގެ އަގު އަހަރަކު 18 ބިލިއަން އެމެރިކާ ޑޮލަރަށް އަަރައެވެ. މީގެ ތެރެއިން %95އަކީ ޗައިނާއިން ބަންގްލަދޭޝްއަށް އެތެރެކުރާ މުދަލެވެ. މިއާ ޚިލާފަށް، އިންޑިއާއާ އެކު ބަންގްލަދޭޝުން ކުރާ ވިޔަފާރީގެ އަގު އަހަރަކު 13.5 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. އަދި، ޙަސީނާގެ މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ހީނަރުވެފައިވީ ނަމަވެސް، ދޭދޭ ވިޔަފާރީގެ އަގަަށް ބޮޑު ބަދަލެއް އައިސްފައެއް ނެތެވެ.

މި ދަނޑިވަޅުގެ ބޭނުން ހިފައި، ބަންގްލަދޭޝްގައި ވުނަކުރާ މިންވަރު އިތުރު ކުރުމަށް ޗައިނާއިން މަސައްކަތް ކުރަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. މި ގޮތުން، އިންޑިޔާގެ ސަރަަޙައްދީ ރޮނގު ކައިރީގައި ޑްރޯން އުފައްދާ ކާރުޚާނާއެއް ބިނާ ކުރުމަށް ބަންގްލަދޭޝާއި ޗައިނާއާ ދެމެދު ދާދިފަހުން އެއްބަސްވުމެއް އެކުލަވައިލާފައިވެއެވެ. ނަމަވެސް، ބަންގްލަދޭޝާ އެކު އޮތް ވިޔަފާރީގެ ގުޅުންތައް ފުޅާ ކުރުމަށް އިންޑިޔާގެ ބައެއް ކުންފުނިތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ބަންގްލަދޭޝަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އިންޑިޔާގެ ކުންފުނި، އަދާނީ ގުރޫޕު ހިމެނެއެވެ.

ފެބުރުވަރީ 12ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި އެންމެ ވާދަވެރިކޮށް ފެނިގެންދާނީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަދި ޖަމާޢަތު-އިސްލާމީ ކަމުގައި ޚިޔާލު ހޯދުމުގެ ވޯޓުތަކުން ފެނެއެވެ. ބީއެންޕީގެ ވެރިޔާ ޠާރިޤު ރަޙްމާން ވަނީ، އިންޑިޔާ-ޗައިނާ މައްސަލައިގައި ވަކި ކޮޅަކަށް ބުރަވުމުގެ ބަދަލުގައި މެދުމިނުގެ ސިޔާސަތުތަކެއް ގެންގުޅުއްވަން ވަޢުދުވެ ވަޑައިގަންނަވާފައެވެ. ނަމަވެސް، ބީއެންޕީއަކީ ނިއު ދެއްލީއާ އެކު ގާތް ގުޅުންތަކެއް ބާއްވަމުންދާ ޕާޓީއެއް ކަމުގައި ޖަމާޢަތު-އިސްލާމީން ތުހުމަތު ކުރެއެވެ. ބީއެންޕީން ބުނަނީ، ޖަމާޢަތު-އިސްލާމީއަކީ ޕާކިސްތާނާ ގުޅުން ގާތް ޕާޓީއެއް ކަމުގައެވެ.