ޚަބަރު

ޤާނޫނާ ޚިލާފު ކޮންޓެންޓު މީސްމީޑިޔާއިން ނަގަން އިންޑިއާއިން ދިނީ ތިން ގަޑިއިރު


މީސްމީޑިޔާގެ މަންސަތަކުގައި ޝާއިޢު ކުރާ ކޮންޓެންޓުގެ ތެރެއިން ޤާނޫނަށް ނުފެތޭ ތަކެތި ނެގުމަށް އިންޑިއާ ސަރުކާރުން ތިން ގަޑިއިރުގެ މުހުލަތެއް ކަނޑައަޅައި، އެ ކަމާ ގުޅޭ ޤަވާޢިދު އިސްލާޙު ކޮށްފިއެވެ. މީސްމީޑިޔާގައި ޝާއިޢު ކުރާ ކޮންޓެންޓުގެ ތެރެއިން ޤާނޫނާ ޚިލާފު ކަމަށް އިންޑިއާގެ ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާ ކޮންޓެންޓު ނެގުމަށް މީގެ ކުރިން އަމަލު ކުރަމުން ގޮސްފައިވާ ޤަވާޢިދުގެ ދަށުން 36 ގަޑިއިރުގެ މުހުލަތެއް ދީފައި އޮވެއެވެ. ނަމަވެސް، އެ ޤަވާޢިދު ހަރުކަށިކޮށް، ފެބުރުވަރީ މަހުގެ 20ވަނަ ދުވަހު އަމަލު ކުރަން ފެށުމަށް އިންޑިއާ ސަރުކާރުން މި ވަނީ ނިންމާފައެވެ.

މި ބަދަލުގެ ސަބަބުން ޤަވާޢިދަށް ފެތުމުގައި މެޓާގެ މަންސަތައް، ޔޫޓިޔުބް އަދި އެކްސް (ކުރީގައި ޓްވިޓަރ) ފަދަ ބޮޑެތި ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ޓެކްނޮލޮޖީ ދާއިރާގެ ޤާނޫނީ ވަކީލެއް ކަމުގައިވާ އާކާޝް ކަރްމާކަރް ވިދާޅުވީ، ޤާނޫނާ ޚިލާފު ކަމަށް އިންޑިއާގެ އިދާރާތަކުން ކަނޑައަޅާ ކޮންޓެންޓު ތިން ގަޑިއިރުގެ ތެރޭގައި ނެގުމަކީ މީސްމީޑިޔާގެ މަންސަތައް ހިންގާ ކުންފުނިތަކަށް "އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫން" ކަމުގައެވެ.

އިންޑިއާ ސަރުކާރުން މި ކަމާ ގުޅޭ ޤަވާޢިދު އިސްލާޙުކޮށް، ޤާނޫނާ ޚިލާފު ކޮންޓެންޓު ނެގުމަށް ދީފައި އޮތް މުހުލަތު ކުރުކުރުމަށް ނިންމި ސަބަބު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ޤައުމީ ސަލާމަތާއި ޢާންމު މަސްލަޙަތާ ގުޅުންހުރި ޤާނޫނުތަކުގެ ދަށުން ޣައިރުޤާނޫނީ ކޮންޓެންޓް ނެގުމަށް އެންގުމުގެ ބާރު އިންޑިއާގެ އައިޓީ ޤަވާއިދުތަކުން ސަރުކާރަށް ލިބިދެއެވެ.

ފާއިތުވި އަހަރުތަކުގައި އިންޑިއާއިން ވަނީ އޮންލައިން ކޮންޓެންޓް ކޮންޓުރޯލު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނިވެސް، ސަރުކާރުގެ އެދުމުގެ މަތިން މެޓާއިން ވަނީ 28،000 އަށްވުރެ ގިނަ ކޮންޓެންޓް ހިފަހައްޓާފައެވެ.

މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓް ލޭބަލް ކުރުމާ ގުޅޭގޮތުން ކުރިން ހުށަހަޅާފައިވާ ޤަވާޢިދަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އައު ޤަވާޢިދުގައިވާ ގޮތުން، އޭއައި ކޮންޓެންޓްގައި އެ ކަން ފާހަގަކުރެވޭ ގޮތަށް "ލޭބަލް" ކޮށްފައި ހުންނަން ޖެހޭނެއެވެ.