ޚަބަރު

ޣައްޒާގެ ސޫޤު ފާރިސްގައި ހުރި ކުނި އެހެން ސަރަޙައްދަކަށް ގެންދަނީ


ހަނގުރާމައިގެ ޙާލަތުގައި ފަލަސްޠީނުގެ ޣައްޒާގައި ކުނި ޖަމާކޮށްފައިވާ ބޮޑު ސަރަޙައްދެއް ސާފުކުރުމުގެ މަސައްކަތް އދގެ ތަރައްޤީއާ ބެހޭ ޕްރޮގުރާމް، ޔޫއެންޑީޕީން ފަށައިފިއެވެ.

ހަނގުރާމައިގެ ކުރިން ޣައްޒާގެ އެންމެ ދުވަސްވީ އެއް ވިޔަފާރި ސަރަޙަައްދު ކަމަށްވާ ސޫޤު ފިރާސްއަށް ކުނި ޖަމާކުރަން ފެށީ ޖަޙްރުލް ދީކުގައި ހުންނަ ޣައްޒާގެ މައި ކުނިގޮނޑަށް ނުދެވޭ ގޮތަށް ޔަހޫދީން އެ ސަރަޙައްދު ބަންދުކުރުމުންނެވެ. އެއީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށި ހިސާބުންނެވެ. ޔަހޫދީ ދައުލަތާއެކު ޙިއްޞާ ކުރާ ސަރަޙައްދީ ރޮނގާ އިންވެގެން އޮންނަ މި ސަރަޙައްދު މިހާރު އޮތީ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށުގައެވެ.

ޔޫއެންޑީޕީގެ ޣައްޒާ އޮފީހުގެ އިސްވެރިޔާ، އަލެސަންދްރޯ މްރަކިކް ވިދާޅުވީ ސޫޤު ފިރާސްއިން ކުނިތައް ނަގައި އެހެން ސަރަޙައްދަކަށް ގެންދިޔުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސޫޤު ފިރާސްގައި މިހާރު ހުރި ކުނީގެ ޢަދަދު 300،000 ކިޔުބިކް މީޓަތަށް ވުރެ ގިނަ ކަމަށާއި 13 މީޓަރަށް ވުރެ އުސް ކަމަށެވެ.

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ޔޫއެންޑީޕީން ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ އަބޫ ޖަރަދު ސަރަޙައްދުގައި ތައްޔާރުކޮށްފައިވާ ވަގުތީ ކުނިގޮނޑަކަށް ސޫޤު ފިރާސްގައި ހުރި ކުނިިތައް ގެންދާނެއެވެ. އަބޫ ޖަރަދު ސައިޓު ތައްޔާރުކޮށްފައި ވަނީ ތިމާވެށީގެ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. 75،000 އަކަ މީޓަރުގެ މި ސައިޓަށް އާންމު ދިރިއުޅުމުގައި އުފެދޭ ކުނި ޖަމާ ކުރާނެއެވެ. މިއީ ހިޔުމެނިޓޭރިއަން ފަންޑާއި ވިލާތުގެ އިއްތިޙާދުގެ ސިވިލް ޕްރޮޓެކްޝަން އެންޑް ހިޔުމެނިޓޭރިއަން އެއިޑް އޮޕަރޭޝަންސްއިން ޚަރަދުކޮށް ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ޕަލަސްޓީނިއަން އެންޖީއޯސް ނެޓްވޯކްގެ އިސްވެރިޔާ އަދި އދއާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު މަސައްކަތް ކުރައްވާ އަމްޖަދު އަލް-ޝަވާ ވިދާޅުވީ ސޫޤު ފިރާސްގައި ކުނި ފުނިޖެހުމުގެ ސަބަބުން ޢާންމުންނަށް ބޮޑެތި ޞިއްޙީ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށާއި ތިމާވެއްޓާ ގުޅޭ މައްސަލަތައް ވެސް ކުރިމަތިވެފައިވާ ކަމަށެވެ. އެ ސަބަބުތަކާ ހުރެ ޣައްޒާގައި ބަލިތައް ފެތުރެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަމްޖަދު އަލް-ޝަވާ ވިދާޅުވީ ޔަހޫދީ ސިފައިން ޣައްޒާގެ އިރުމަތީ ސަރަޙައްދުތަކުން ފައިބަންދެން ވަގުތީ މަރުކަޒުގައި ކުނިތައް ބަހައްޓާނެ ކަމަށެވެ. އޭގެ ފަހުން ދާއިމީ ކުނިގޮނޑުތަކަށް އެ ތަކެތި ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ މުނިސިޕަލިޓީއިން ބުނީ ޣައްޒާގައި 350،000 އަކަ މީޓަރުގެ ކުނި އުފެދިފައިވާއިރު، ކުނިތައް އެހެން ސަރަޙައްްދަށް ގެންދިޔުމަކީ އެ ކުނީގެ ސަބަބުން ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޔޫއެންޑީޕީން ބުނީ ހަނގުރާމަ ފެށުނު ފަހުން ޣައްޒާގެ އެކި ސަރަޙައްދުތަކުން 570،000 ޓަނުގެ ކުނި އެ އިދާރާއިން އެއްކޮށްފައިވާ ކަމަށެވެ. ކުނި އަޅާ ވަގުތީ ސަރަޙައްދުތަކުގެ ޢަދަދު މިހާރު ވަނީ 141ން 56އަށް މަދުވެފައެވެ. އެއީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުނި އަޅާ ކުދި ސަރަޙައްދުތައް ނައްތާލުމަށް ކޮށްފައިވާ މަސައްކަތުގެ ދަށުންނެވެ. ނަމަވެސް މިހާރު ހުރި ވަގުތީ ކުނިގޮނޑުތަކުގެ ތެރެއިން ބޭނުންކުރެވެނީ 10 ނޫނީ 12 ސައިޓަށް ކަމަށް ޔޫއެންޑީޕީން ބުނެއެވެ. އަދި ކުނީގެ ޙާލަތު އޮތް ގޮތުން ޣައްޒާއަށް އޮތް ނުރައްކާ ވަރަށް ބޮޑު ކަމަށް ފާހަގަކޮށް އެ އިދާރާއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.