ހޫނުމޫސުމުން ފެށުމުގެ ކުރިން ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ރަޝިޔާއަށް އިތުރަށް ފިއްތުންތައް ކުރިމަތިކުރަން ޖެހޭ ކަމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ވަޓްސްއެޕް މެދުވެރިކޮށް ދާދިފަހުން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، އެމެރިކާގެ ބައިވެރިވުމާ އެކު ކުރިއަށް އޮތް ހަފުތާގައި ބޭއްވުމަށް ތާވަލު ކޮށްފައިވާ ސުލްޙައިގެ މަޝްވަރާތަކުގައި މޮސްކޯއިން ބައިވެރިވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމުގައެވެ.
ޖޫން މަހުގެ ކުރިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވޮޝިންގްޓަނުން މަސައްކަތް ކުރަމުންދާ ކަމުގައި ޒެލެންސްކީ ކުރިން ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް ހަފުތާގައި އެމެރިކާގެ މަޔާމީގައި ބޭއްވުމަށް ތާވަލު ކޮށްފައިވާ ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވުމާ މެދު ރަޝިޔާއިން އަދިވެސް ވިސްނަމުންދާ ކަމުގައެވެ. މަޔާމީ ބައްދަލުވުމުގައި ބައިވެރިވުމަށް ކީވުން ތައްޔާރަށް އޮތް ކަމުގައި ވެސް ޒެލެންސްކީ ވިދާޅުވިއެވެ. މީގެ ކުރިން އަބޫ ދާބީގައި ބޭއްވި މަޝްވަރާތަކުގެ ދެ ބުރުގައި ވެސް އެދެވޭ ނަތީޖާތަކެއް ހާސިލު ކުރެވިފައި ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
"މި ކަން ބިނާވެފައިވަނީ ހަމައެކަނި ޔޫކްރެއިންގެ މައްޗަކަށް ނޫން، އެމެރިކާގެ މައްޗަށްވެސްމެ. އެމެރިކާއިން ޖެހޭނެ ރަޝިޔާއަށް ބާރު އަޅަން, މިހެން ބުނަން ޖެހޭތީ މާފަށް އެދެން، ނަމަވެސް އިތުރު ގޮތެއް ނެތް،" ހޫނުމޫސުމުގެ ކުރިން ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ޒެލެންސްކީ ވިދާޅުވިއެވެ.
ކްރެމްލިނުން ބުނީ، ސުލްޙައިގެ މަޝްވަރާތައް ދެން ބާއްވާނެ ތާރީޚެއް އަދި ކަނޑައެޅިފައި ނެތް ނަމަވެސް، މަޝްވަރާތައް ވީ އެންމެ އަވަހަކަށް ފެށުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައެވެ. މަޞްދަރުތަކުން ބުނީ، ފެބުރުވަރީ 16ން 17ށް މަޔާމީގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް އެމެރިކާގެ އޮފިޝަލުން ހުށަހަޅާފައިވާ ކަމުގައެވެ. ނަމަވެސް، މި ކަން ވައިޓް ހައުސުން ރަސްމީކޮށް ކަށަވަރު ކޮށްދީފައެއް ނެތެވެ.
މީގެ އިތުރުން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ހަތަރު އަހަރު ފުރޭ ފެބްރުއަރީ 24 ވަނަ ދުވަހު، ރިޔާސީ އިންތިޚާބާއި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް އިޢުލާނު ކުރެއްވުމަށް ޒެލެންސްކީ ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. މި ކަން އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ ފައިނޭންޝަލް ޓައިމްސުންނެވެ. ނަމަވެސް، ޒެލެންސްކީ ވަނީ އެ ރިޕޯޓު ދޮގު ކުރައްވާފައެވެ. އަދި، ޔޫކްރެއިންގައި ދެން އިންތިޚާބެއް ބާއްވާނީ، އެމެރިކާއާއި ހުޅަނގުގެ ބައިވެރިންގެ ފަރާތުން ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން ލިބުމުން ކަމުގައި ވިދާޅުވެފައެވެ.