ޣައްޒާގެ ރައްޔިތުން ނައްތާލައި ނަސްލުހޭދު ކުރުން ހުއްޓައިލުމަށް އެފްރިކާގެ އިއްތިޙާދު، އޭޔޫއިން ގޮވާލައިފިއެވެ.
އިތިއޯޕިޔާގެ އައްދިސް އަބާބާގައި ކުރިއަށްދާ އޭޔޫގެ 39ވަނަ ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޔޫގެ މުޤައްރިރު، މަޙްމޫދު ޢަލީ ޔޫސުފް ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ ވޭނާއި ކެކުޅުމުގެ ފަހަތުގައިވާ އަމަލުތަކަކީ އޭގެ ސަބަބުން މުޅި އިންސާނީ ދަރިފަސްކޮޅަށް އޭގެ ސަބަބުން ސިހުން ގެނުވާ ކަމަށެވެ. ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނިއްޔަތާބެހޭ ޤާނޫނަކީ ބައިނަލްއަޤްވާމީ މުޖުތަމަޢު އޭގެ މައްޗަށް ބިނާވެފައިވާ އަސްލު ކަމަށް ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސް އެޅުން ވަގުތުން ވަގުތަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.
މަޙްމޫދުގެ ވާހަކަފުޅުގައި އެފްރިކާ ބައްރުގައި ހިނގަމުންދާ އެކި ހަމަނުޖެހުންތަކަށް ވެސް އަލިއަޅުވާލައްވާފައިވެއެވެ. އެ ގޮތުން ސޫދާންއާއި ސާހެލްއާއި ކޮންގޯއާއި ސޮމާލިޔާގެ ޙާލަތާ ގުޅޭ ގޮތުން ވެސް އޭނާ ވާހަކަ ދައްކަވާފައިވެއެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން އެ ސަހަރަށް ދޭން ފެށި ޙަމަލާތަކުގައި މިހާތަނަށް 72،045 މީހުން ޝަޖީދުކޮށްލައި 171،686 މީހުންނަށް ވަނީ ޒަޅަމް ކޮށްލައިފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ނަމެއްގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. ނަމަވެސް ޔަހޫދީން ދަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާގެ ރައްޔިތުންނަށް ޙަަމަލާ ދެމުންނެވެ.
އޭޔޫ ސަމިޓުގައި އެ އިއްތިޙާދުގެ 55 މެންބަރު ޤައުމުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ދެ ދުވަހަށް ދެމިގެންދާ މި ސަމިޓުގައި ވާހަކަ ދައްކަވަމުން އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ޤުތެޚޭޝް ވިދާޅުވީ އޭޔޫއަކީ ދުނިޔޭގައި ބައިބައިވުމާއި ނުތަނަވަނސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި މައްސަލަތައް ޙައްލު ކުރުމަށް ގުޅިގެން މަސަައްކަތް ކުރުމުގެ އަލިގަދަ މިސާލެއް ކަމަށެވެ. އަދި އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް އެފްރިކާއަށް ދިނުމަށް އޭނާ ގޮވައިލެއްވިއެވެ.